ރިލްވާން ބޭރަށް ފުރީ ކަމަށް ދައްކަން ވަގު ޕާސްޕޯޓެއް ހެދި: އާއިލާ

ގެއްލުނު ނޫސްވެރިޔާ، އަހްމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔައީ ކަމަށް ދައްކަން އޭނާގެ ނަމުގައި ވަގު ޕާސްޕޯޓެއް ބަޔަކު ހެދި ކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


ރިލްވާން ގެއްލުނުތާ މިއަދަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، އޭނާގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ދައްތަ، ފާތުމަތު ޝެހެނާޒް ބުނީ ރިލްވާންގެ ނަމުގައި ވަގު ޕާސްޕޯޓެއް ހެއްދީ ކޮން ބައެއް ކަން ފުލުހުންނަށް މިހާތަނަށް ބުނެދެވިފައި ނުވާ ކަމަށެވެ. ރިލްވާން ވަގަށް ނެގި މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާ އުފުލައި އެ މީހުން ދޫވިއިރު ވެސް ޕާސްޕޯޓު ހެއްދި މައްސަލައިގެ އެއްވެސް މައުލޫމާތެއް އާއްމު ނުކުރާ ކަމަށް ބަޔާނުގައި ވެ އެވެ.

"މިއަދު އަނެއްކާ ވެސް ހިތުގައި އުފެދެނީ ސުވާލުތަކެވެ. ރިލްވާނު ވަގަށް ނެގި މައްސަލަ ސީރިއަސްކޮށް ފުލުހުން ނުނެގީ ކީއްވެ ހެއްޔެވެ؟ ބޮޑު މާސިންގާ ތަހުގީގެއް ހިންގަންޖެހޭ ކަމެއް، އިސްތައްޓެއް ފެނުނީމާ ނިންމާލީ ހެއްޔެވެ! ރިލްވާން ވަގަށް ނެގި ކަމަށް ފުލުހުން ބުނި މީހުން މައްސަލައިން މިނިވަންވާން ފުރުސަތު ދީ މައްސަލައިގެ ޝަރީއަތަށް އެކަށީގެންވާ ހެއްކާއި ގަރީނާ އާއި ލިޔެކިޔުންތައް ހުށަނޭޅީ އެކަމުގައި ފުލުހުންނަށް ކޮން ބިރެއް އޮވެގެން ހެއްޔެވެ؟" ޝެހެނާޒް ސުވާލު އުފެއްދި އެވެ.

އާއިލާ އިން ބުނިގޮތުގައި ރިލްވާން ވަގަށް ނެގި ކަމަށް ތުހުމަތު ކުރި މީހުން މިނިވަންވެ، އެއްވެސް ކުށެއް ނުކުރާ ބައަކަށް ވަނީ ވެފަ އެވެ. އެ މީހުންނާ ދެކޮޅަށް ހެއްކާއި ގަރީނާ ހުރެ ކުށް ސާބިތު ނުކުރެވުމުން ކަންބޮޑުވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ކްރިމިނަލް ކޯޓުގެ ހުކުމުން ސާބިތުވީ އެއް ކަމެކެވެ. ރިލްވާންގެ މައްސަލައިގައި ފުލުހުންނާއި ޕީޖީގެ އިހުމާލު އޮތް ކަމެވެ. ފުރަތަމަ ދުވަހުން ފެށިގެން އާއިލާއިން ތަހުގީގު ހިންގުމުގައި ފުލުހުން ގަސްދުގައި އިހުމާލުވާ ކަމަށް ކުރި ތުހުމަތަކީ ރަނގަޅު ތުހުމަތަކަށް ވުމެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި އާއިލާ އާއި ރަހުމަތްތެރިން އަޑު އުފުލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އޮގަސްޓް، 8، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ.

އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. އެއީ، ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ކަން ހުކުމުން ސާފުވާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޝެހެނާޒް ބުނީ ރިލްވާނަށް ހެދި ގޮތެއް އޮޅުންފިލުވައި ދިނުމުގައި ދައުލަތް ފޭލްވެފައިވާ ކަމަށެވެ. މި ހިތާމަވެރި ހާދިސާއާ ރިލްވާނަށް ކުރިމަތިލާން ޖެހުނީ ކޮރަޕްޝަންގެ ހާއްޔާ ދިމާ އަށް ރިލުވާންގެ ލޮލާއި ގަލަން ހިންގަން ފެށުނީތީ ކަމަށް ވެސް ބަޔާނުގައި އާއިލާ އިން ބުންޏެވެ.

ރިލްވާނަށް ވީގޮތެއް ހޯދުމުގައި ދައުލަތް ނުކުޅެދިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާގެ ފާޑުކިއުން އަމާޒުވެފައިވާ އިރު، ރިލްވާނާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިއްޔެ ނެރުއްވި ބަޔާނަކަށް ރައްދު ދެއްވައި ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "ރިލްވާން ނިޔާވެއްޖެ ކަމަށާއި އެއީ، ހިތާމަހުރި ކަމެއް" ކަމަށެވެ. އެކަމަކު ގދ. ފަރެސްމާތޮޑާގައި، އެ ވާހަކަފުޅު ތަރުޖަމާކޮށްދެއްވަމުން ރައީސް ވިދާޅުވެފައި ވަނީ، ރިލްވާން ނިޔާވެއްޖެ ކަމަށް ވިދާޅުވެވުނީ އަދީބު ހެއްދެވި ދޮގަކާ ހެދި ކަމަށެވެ. އެ މަނިކުފާނުގެ ނިޔަތަކީ ރިލްވާންގެ މަރު ސާބިތު ކުރެއްވުން ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ފަހުން ވިދާޅުވީ، އިރާދަ ކުރެއްވިޔާ ރިލްވާން ފެންނާނެ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ރައީސްގެ މި ވާހަކަފުޅު ތަހުގީގުކޮށްދޭން އާއިލާ އިން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.