ތަނަވަސްކަން ނެތް މީހުންނަށް ޝަމީމް ހިލޭ ވަކާލާތު ކޮށްދެއްވަނީ

ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހިލޭ ވަކާލާތުކޮށްދެއްވަން ފައްޓަވައިފި އެވެ.


ޝަމީމް ވިދާޅުވީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތުކޮށްދެއްވާނީ ޖިނާއީ މައްސަލަތަކާއި އާއިލީ މައްސަލަތަކުގެ ތެރެއިން ފަހަރަކު އެއް މައްސަލާގައި ކަމަށެވެ. އެކަން ކޮށްދެއްވާނީ މީހާގެ މާލީ ތަނަވަސްކަމަށް ބެލުމަށް ފަހު ކަމަށާއި އެގޮތަށް މިހާރު ވެސް މައްސަލައެއްގައި ވަކާލާތު ކޮށްދެއްވަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ޖިނާއީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އާއި އާއިލީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފަހަރަކު މި ނަގަނީ. ހަމަ ޕެއިޑް ކްލަޔަންޓުންނަށް ވެސް ލިބޭ ހުރިހާ ޚިދުމަތެއް އެ މީހަކަށް ލިބޭނެ. އެއީ ހައި ކޯޓުގައި ކަމަށް ވިޔަސް އަދި ސުޕްރީމް ކޯޓުގައި ވިޔަސް މައްސަލައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

ދެ ފަހަރެއްގެ މަތިން ސަސްޕެންޝަނާ ކުރިމަތިވެވަޑައިގެންފައިވާ ޝަމީމް ވިދާޅުވި ގޮތުގައި ހިލޭ ވަކާލާތުކޮށްދެއްވަން ފެއްޓެވީ ވަކީލުންގެ އަމިއްލަ ޒިންމާއެއް އޮތް ކަމަށް ވެސް ދެކެވަޑައިގަންނަވާތީ އެވެ. އެހެން ބައެއް ވަކީލުން ވެސް ބައެއް މައްސަލަތަކުގައި މިހާރު ހިލޭ ވަކާލާތުކޮށްދެއްވާ ކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ހުރިހާ ވަކީލުން ވެސް އެގޮތަށް އަމަލް ކުރާ ނަމަ ތަނަވަސްކަން ނެތް މީހުންނަށް ވަކީލުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށެވެ.

"ދައުލަތުން އަޅުގަނޑަށް ކިޔަވައިދިނީ. އެހެންވީމަ ދައުލަތުގެ ވަޒީފާ އަދާކޮށް ނިމުނަކަސް އަޅުގަނޑުގެ ޒިންމާ ނިމުނީ ކަމަކަށް ނުދެކެން،" ކުރިން ވެސް ބައެއް މައްސަލަތަކުގައި އަމިއްލަ އިސް ނެގުމުގައި ހަރަކާތްތެެރިވެ ވަޑައިގެންފައިވާ ޝަމީމް ވިދާޅުވި އެވެ.

ޝަމީމް 2015 ގައި ވަކީލުކަމުން ސަސްޕެންޑް ކުރުމަށް ފަހު އޭނާ އަށް އަލުން ހުއްދަ ދިނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހު އަނެއްކާ ވެސް ސަސްޕެންޑް ކުރުމަށް ފަހު އަލުން ހުއްދަ ދިނީ މިދިޔަ މަހު އެވެ.