މަޖުބޫރުން ފޯމު ފުރުވާ މައްސަލައިގައި ސީއެސްސީން ހަނދާން ކޮށްދިނީ މަނާ ކަންކަން!

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ޖެހޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީ ރަޖިސްޓްރީ ކުރުވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ސިވިލް ސާވިސްގެ މުވައްޒަފުންނާއި އިދާރާތަކަށް ގާނޫނުން މަނާ ކަންކަން ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ހަނދާންކޮށްދީފި އެވެ.


ސަރުކާރުގެ ރަސްމީ ގަޑީގައި، ސިވިލް ސާވިސްގެ މުވައްފުން ލައްވައި ރީ ރަޖިސްޓްރޭޝަންގެ ފޯމު ފުރުވައި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅައި ޕީޕީއެމްގެ ޖަގަހަތަކުގައި ބަހައްޓާފައިވާ ކަމަށް ބުނެ ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މި މައްސަލައިގައި، ހައްލެއް ހޯދައިދޭން އެދި އިދިކޮޅު ޕާޓީތަކުން ވަނީ ސިވިލް ސާވިސް ކޮމިޝަނާ ބައްދަލު ވެސް ކޮށްފަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ނުވަތަ ބިރު ދައްކައިގެން ރީ ރަޖިސްޓްރީ ކުރުވަމުންދާ ކަމަށް އަޑުފެތުރިފައިވާ މައްސަލައާ ގުޅިގެން ކަމަށް ބުނެ ސީއެސްސީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވަނީ ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ އިން މުވައްޒަފުންނަށް މަނާކޮށްފައިވާ ކަންކަމެވެ.

ސީއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ، މުވައްޒަފުންނަށް ގާނޫނުން މަނާ ކަންކަން:

- ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.

- މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ މުވައްޒަފުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން.

- މުވައްޒަފުގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަށް ބާރުފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.

- މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

މި ކަންކަން ގާނޫނުން މަނާކޮށްފައިވާތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި ބައިވެރިވެ އުޅުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނާއި އިދާރާތަކުން ވެސް ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަމަލު ބެހެއްޓުމަށް ސީއެސްސީން އިލްތިމާސްކޮށްފައިވެ އެވެ.

"އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނަށް ދޭންޖެހޭ ވަޒީފާގެ ރައްކާތެރިކަން މި ކޮމިޝަނުން ކަށަވަރުކުރާނެ ކަމުގައި ވެސް ދެންނެވީމެވެ،" ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ނެރުއްވި ބަޔާނުގައިވެ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓު ލުމަށް 45،000 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެމްޑީޕީން ރީ ރަޖިސްޓްރީއަށް ނަގާ ޕީޕީއެމް މެމްބަރުންގެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅާނެ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސް އެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުވާނެ ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރީ ރަޖިސްޓްރީ ކުރުވާ މައްސަލައިގައި ސަރުކާރަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެފައި ވަނީ ސަރުކާރުގެ މުވައްޒަފުން ރީ ރަޖިސްޓްރީވާން އެންގުމަކީ ނާޖާއިޒު ނުފޫޒެއް ފޯރުވުން ނޫން ކަމަށެވެ. އެކަން ސަރުކާރުން ކުރުވަނީ، ރިޔާސީ އިންތިޚާބުގައި ވޯޓު ލުމަކީ ރައްޔިތުންގެ ހައްގަކަށްވާތީ، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހޯދައިދޭން ކަމަށް ވެސް ވިދާޅުވި އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ