ފުޑް ކޯޓުތަކުގައި ސިނގިރޭޓު ބޯތީ އެކަން ހުއްޓުވުމަށް އަންގައިފި

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ފުޑް ކޯޓުތަކުގައި ސިނގިރޭޓު ބުއިން އާންމުވެފައިވާތީ އެކަން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.


ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ތަރައްގީކޮށްފައިވާ 26 ފުޑް ކޯޓު ހިންގަން ފަށާފައިވާއިރު އެ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެކެވެ. އެގޮތަށް އެކަން ނިންމީ އާއިލާތަކަށް އުފާވެރިކަމާ އެކު އުޅެވޭނެ މާހައުލަކަށް ފުޑް ކޯޓްތައް ހެދުމަށްޓަކައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މޭ މަހުން ފެށިގެން ފުޑް ކޯޓުތައް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު މިފަހަކަށް އައިސް ގިނަ ތަންތަނުގައި ދަނީ ސިނގިރޭޓު ބޮމުންނެވެ. އެ ފުޑް ކޯޓުތަކަކީ އޯޕަން އެއާ ތަންތަނަށް ވުމުން ސިނގިރޭޓު ބޮއެ ބޭރުކުރާ ދުން އޮންނަނީ ބޮޑު ހިސާބަކަށް ފެތުރިފަ އެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ ފުޑް ކޯޓުތަކުގައި ސިނގިރޭޓު ބުއިން އާންމުވެފައިވާ ޝަކުވާ ވަރަށް ގިނައިން ހުށަހެޅެމުންދާ ކަމަށެވެ. އެކަން ހައްލު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެސްޓީއޯ އާއި ހައުސިން މިނިސްޓްރީ އަށް އަދި ފުލުހުންނަށް ވެސް އަލުގަނޑުމެން ވާނީ އެކަން ހުއްޓުވައި ދިނުމަށް އަންގާފައި. އެ ޝަކުވާއަކީ ވަރަށް ބޮޑަށް ލިބެމުންދާ ޝަކުވާއެއް. ގިނަ ބަޔަކަށް އެކަމުގެ ސަބަބުން އުނދަގޫވޭ،" ހަސަން ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އެކަން ކުރާ މީހެއް 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ.

އެ ތަނަކީ ވައި ބަންދުނުވާ ގޮތަށް ހުޅުވިފައި ހުންނަ ކެފޭތަކެއް ކަމަށްވާތީ، އެ ގޮތަށް އެ ތަން ބާއްވައިގެން ދުންފަތުގެ އިސްތިއުމާލް ކުރެވޭ ގޮތަށް ނުހެދޭނެ ކަމަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނެ އެވެ. އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކޮށްފައި ހުންނަ ވަކި ބައެއްގަ އެވެ.