އަމިއްލަ ކެނޑިޑޭޓްގެ ފޯމް ބާތިލް ކުރި މައްސަލަ ކޯޓަށް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭނާ މިއަދު ނިންމަވައިފި އެވެ.


ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް މިދިޔަ ބުދަ ދުވަހު ފޯމް ހުށަހެޅުއްވި ހުސައިންގެ ފޯމް ބާތިލް ކަމަށް އިލެކްޝަންސްއިން އަންގާފައިވަނީ މިއަދު 9:00 ގަ އެވެ. ފުރަތަމަ ޖަވާބު ބަލައި އަންނަން އެނގީ އިއްޔެ ހަވީރު އެވެ. ނަމަވެސް ފަހުން ގުޅައި މިއަދު ހެނދުނަށް ފަސްކުރީ އެވެ.

ހުސައިންގެ ކެމްޕެއިން ޓީމުން ބީހައިވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ތަރުޖަމާން އަމްޖަދު ހުސައިން ވިދާޅުވީ އިލެކްޝަންސްއިން ވަނީ ހުސައިންގެ ހައްގު ނިގުޅައިގަނެފައި ކަމަށާއި ފޯމް ބާތިލް ކުރި ސަބަބުތައް ކަމަށް އިލެކްޝަންސްއިން ހާމަ ކުރި ކަންތައްތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

ހުސައިންގެ ފޯމް ބާތިލް ކުރި އެއް ސަބަބަކީ އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓުން ހުށަހަޅަން ޖެހޭ 1500 މީހުންގެ ސޮއިގައި މައްސަލަ އުޅޭތީ އެވެ. އަމްޖަދު ވިދާޅުވީ މީހުން ސޮއިކޮށްފައިވާ ފޯމްތައް ހުށަހަޅާފައިވާއިރު އިލެކްޝަނުން ބަލާފައިވަނީ ހުށަހަޅާފައިވާ އެކްސް އެލް ޝީޓަށް އެކަނި ކަމަށެވެ. އެކްސް އެލް ޝީޓުގައި ލިޔުމުގެ މައްސަލަތަކެއް އުޅުނު ނަމަވެސް މީހުން ސޮއިކޮށްފައިވާ ޝީޓުތަކުގައިވާ ސޮއިތައް ސައްހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ސަބަބަކަށް އިލެކްޝަންސްއިން އަންގާފައިވަނީ ދަފުތަރުގެ ރަޖިސްޓްރީގައިވާ ހުސައިންގެ ދާއިމީ އެޑްރެސް ދިމާނުވާ މައްސަލަ އެވެ. އަމްޖަދު ވިދާޅުވީ އެ ފޯމުގައި ވަނީ މިހާރުގެ ދާއިމީ ރަޖިސްޓްރީ ހިމަނަން ކަމަށެވެ. ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ރަޖިސްޓްރީ ހިމަނަން ފޯމުގައި ބުނެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިންގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝެއިހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަ އުޅޭ ކަމަށް އިލެކްޝަންއިން ބުނާއިރު އަމްޖަދު ވިދާޅުވީ އެއްވެސް ކޯޓަކުން ނަސްރުﷲ ގެ މައްޗަށް ކުށެއް ސާބިތުވެފައިވާ ކަމަށް ބުނެފައިނުވާ ކަމަށެވެ. ނަސްރުﷲ ގެ މައްސަލައެއް ފެމެލީ ކޯޓަށް ހުށަހަޅާފައި އޮތްއިރު އެ މައްސަލަ އަދި ވަކިގޮތަކަށް ނިމިފައިނުވުމުން އެއީ ކުށުގެ ރެކޯޑުގައި ހިމެނޭނެ ކަމެއް ނޫން ކަމަށް އަމްޖަދު ވިދާޅުވި އެވެ.

ހުސައިންގެ ރަނިން މޭޓް ނަސްރުﷲ ވިދާޅުވީ އިލެކްޝަންސްއިން ފޯމް ބާތިލްކުރި ސަބަބުތައް އިސްލާހުކޮށް އަލުން ހުށަހެޅުމަށް އެދުމުން އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި އެއް ލައްކަ ރުފިޔާ އާއި ފޯމްސެޓް އަނބުރާ އިލެކްޝަންސްއިން ދީފައިނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ވަގުތު ދިން ނަމަ މުއްދަތު ހަމަވުމުގެ [މިއަދު 4:00 ގެ] ކުރިން އަލުން ހުށަހެޅޭނެ. އެކަމަކު އިލެކްޝަނުން ބުނަނީ އަލުން ފޯމް ސެޓެއް ހުށަހަޅަން. [އެއީ 1500 މީހުންގެ ސޮއި އާއި އެއްލައްކަ ރުފިޔާގެ އިތުރުން ކުށުގެ ރިކޯޑާއި ވަނަވަރު]،" ނަސްރުއްﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން. އިރާދަކުރެއްވިއްޔާ އިންސާފު ލިބޭނެ. އިންސާފު ލިބޭނީ ކޮންގޮތަކުންކަން ދަންނަވާކަށް އަދި ނޭންގޭ."

އިންތިހާބަށް ސާޅީހަކަށް ދުވަހަށް ވެފައިވަނިކޮށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ އިންތިހާބު ފަސް ކުރަންތޯ ސުވާލު ކުރުމުން ނަސްރުﷲ ވިދާޅުވީ އެ މައްސަލައިގެ ސަބަބުން އިންތިހާބު ފަސް ކުރަން ޖެހޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. ކޯޓުން އަވަހަށް އެ މައްސަލަ ބަލައި ނިންމައި އިންތިހާބު މިހާރު އޮތް ތާރީހުގައި ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން އާއި ނަސްރުﷲ އަކީ މީގެ ކުރިން ސިޔާސީ ދާއިރާ އިން ފެނިފައި ނުވާ ދެ ބޭފުޅުން ކަމަށްވާއިރު ރިޔާސީ އިންތިހާބަށް ކުއްލިގޮތަކަށް ކުރިމަތިލެއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން ނަސްރުﷲ ވިދާޅުވީ އެ ބޭފުޅުންނަކީ ގައުމަށް ހެޔޮ އެދިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތިލެއްވީ ވަކި މީހަކު ބުނެގެން ނުވަތަ އިންތިހާބު ފަސް ކުރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 4 ޖަހާއިރަށް ހަމަވެ އެވެ. މިހާތަނަށް އިލެކްޝަންސް އަށް ފޯމް ހުށަހެޅި ނަސީރާއެކު އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އާއި ރައީސް އަބްދުﷲ ޔާމީނެވެ. ދެން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފަ އެވެ.