އިބޫ އަކީ ބޭރު ބައެއްގެ މަންދޫބެއް ނޫން: މާރިޔާ

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ބޭރު ބައެއްގެ މަންދޫބެއް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވަން އުޅުއްވި ކަމަށް ތުހުމަތުކުރައްވައި އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.


ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާދަވެރި ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ ވިދާޅުވީ އިބްރާހިމް ސޯލިހަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރެއްގެ ގޮތުގައި 25 އަހަރު ހުންނެވި ބޭފުޅެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ވޯޓް ލިބިގެން ފަސް ދައުރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވުނު ބޭފުޅަކާ މެދު އެހެން ވިދާޅުވުމުން ސިއްސައިގެންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ޑރ ޝަހީމް އަދި މިހާ ހިސާބަށް ރައްޔިތުން ކުރިމައްޗަށް ނިކުމެވަޑައިގަންނަވައި ވޯޓެއް ލިބިގެން، ތަނެއްގަ އިށީނދެވަޑައިގެންނެވި ތަނެއް އަޅުގަނޑުމެންނެއް ނުދެކެން. އެހެންވީމަ، ޑރ ޝަހީމް ކޮން ގޮތަކުންބާއޭ މި ވިދާޅުވަނީ އިބްރާހިމް ސޯލިހު އެއީ ބޭރުގެ ފަރާތްތަކެއްގެ މަންދޫބެއްގެ ގޮތުގަ. އެއީ އަޅުގަނޑުމެން ސިއްސައިގެން ދާ ކަމެއް އެހެން އެ ބޭފުޅާ ވިދާޅުވާތީ،" މާރިޔާ ވިދާޅުވި އެވެ.

އިބޫ ވެގެންދާނީ ރައްޔިތުންގެ މަންދޫބަކަށް ކަމަށާއި ރާއްޖެ ދެކެން ބޭނުންވާ ގޮތަކީ އެއީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ ސިވިލް ސާވިސްގެ ވަޒީފާ އިން ރިޓަޔާ ކުރާ އުމުރު 74 އަހަރަށް މަތި ކުރުމާ އެކު، ޕެންޝަނަށް ދޭ ފައިސާގެ މިންވަރު އިތުރުކުރުމަށް ދައްކާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ އުމުރަކީ 77 އަހަރު ކަމަށް ވާއިރު، ޕެންޝަން ލިބިގެން އެ މީހަކަށް ހަމަޖެހިލައިގެން ދުނިޔޭގައި އުޅެވޭނެ ކަމަށް ބެލެވެނީ އެންމެ ތިން އަހަރު ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އެއްޗެއް ދޭ ވާހަކަ ދެކެވިއްޖެ ނަމަ ރައްޔިތުން އަތުން އެ އަށް ވުރެ ބޮޑު އެއްޗެއް އަތުލާ ކަމަށެވެ. އަދި ޕީޕީއެމްގެ ނައިބު ލީޑަރު ވަނީ ރައްޔިތުންގެ އާމްދަނީ ބޮޑުކުރުމުގެ ވާހަކަތައް ދައްކަވާފައިވާ ކަމަށާއި އާމްދަނީ ބޮޑު ކުރަނީ ޕެންޝަން ލިބޭ އުމުރު މަތިކޮށްގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މި ކަންތައް ރައްޔިތުންނަށް ސާފު ކޮށްދޭންޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ނައިބު ލީޑަރު ވިދާޅުވެއްޖެ، 74 އަހަރަށް ޕެންޝަންގެ އުމުރު މައްޗަށް ޖައްސާލީމަ ރާއްޖޭގެ ލިބޭ އާމްދަނީ ބޮޑުވެގެންދާނޭ. އެއީ ސުވާލު އުފެދޭ ކަމަކީ، މިހާރު 65 އަހަރުގެ ބޭފުޅުންނަށް އެދޭ ޕެންޝަން ކަނޑާލަން ވިސްނަވަނީތޯ؟ ނުވަތަ ޕެންޝަނަށް އެ ލިބޭ ފައިސާ ކަނޑާލައްވައިގެންތޯ އާމްދަނީ މަތި ކުރައްވަނީ. ރައީސް ޔާމީން ވަރަށް ސާފުކޮށް މިކަން ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މެނިޕެސްޓޯ ވަރަށް އަވަހަށް ނެރޭނެ ކަމަށް ޕީޕީއެމުން ބުނާ ކަމަށާއި ނަމަވެސް އެމްޑީޕީން ޕީޕީއެމްގެ މެނިފެސްޓޯ ކޮޕީ ކުރާ ކަމަށް ވެސް ޕީޕީއެމުން ބުނާ ކަމަށެވެ. އެހެންކަމުން ޕީޕީއެމުން އެ ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ކުރިން ވެފައިވާ ވައުދުތައް ނުފުއްދައި އައު މެނިފެސްޓޯއެއް ނެރުމަކީ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި މަސް ނިމޭހާ ތާނގައި ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ. އަދި ޖަލްސާގެ ކަންކަން ހަމަޖެހުމުން އެކަން ރައްޔިތުންނާ ހަމަ އަށް އިއުލާން ކުރާނެ ކަމަށެވެ.