ރާއްޖޭން ހޮވި ޕްލާސްޓިކު ބޭނުންކޮށްގެން އެޑިޑާސް އިން ހެދި ބޫޓެއް ރައީސަށް ހަދިޔާކޮށްފި

ކުނީގެ ގޮތުގައި ރާއްޖޭގެ މޫދާއި ފަރުތަކަށް އުކާލާފައި ވަނިކޮށް ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ހެދި ބޫޓެއް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އެ ކުންފުނިން ހަދިޔާކޮށްފި އެވެ.


ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް އެޑިޑާސް އިން، ރާއްޖޭން ހޮވި ޕްލާސްޓިކް ކުނިން 100 ބޫޓު ހެދި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުވުކުރެއްވުމުގައި މި ބޫޓު ރައީސަށް ހަދިޔާކުރެއްވީ ބަޔޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނަސް (ބީމް)ގެ ފައުންޑިން މެމްބަރު ޝާހީނާ އަލީ އާއި ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ"ގެ ފައުންޑިން މެމްބަރު ސިރިލް ގުޝްސް އެވެ.

ރާއްޖެއިން ހޮވާފައިވާ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން އެޑިޑާސް އިން ހެދި ބޫޓެއް ރައީސަށް ހަދިޔާކުރަނީ.--ފޮޓޯ:ރައީސް އޮފީސް

މި ބައްދަލުވުމުގައި ޕާލޭގެ ފައުންޑިން މެމްބަރު ގުޝްސް ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސް މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ފުޅި ހޮވައި އެޑިޑާސް ކުންފުންޏަށް ފޮނުވި ކަމަށެވެ.