ޑަބްލިއުއެލްޓީގެ 112 މިލިއަން ޑޮލަރުގެ ދައުވާ އެންމެ ފަހުން ސުޕްރީމް ކޯޓަށް

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ނާކާމިޔާބުވުމުން އެންމެ ފަހުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.


ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން ކުރިން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއުއެލްޓީ އަށް 2007 ގައި ރިސޯޓް ހެދުމަށް ރަށްތަކެއް ދޭން ނިންމުމަށް ފަހު އެ ތަންތަން ހަވާލު ނުކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީ އިން ދައުވާކުރީ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރާއި ރަށްތަކުގެ އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީ އަށް އަނބުރާ ދެއްކުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ދައުލަތުގެ މައްޗަށް އަމުރު ކުރިޔަސް، އެ ދެ ކޯޓުން ވެސް ނިންމާފައި އޮތީ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ޑަބްލިއުއެލްޓީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ޑަބްލިއުއެލްޓީ އިން އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކޮށްފައި އޮތް ފަސް ރަށެއް ސަރުކާރުން ކުރިން އަތުލީ ވެސް ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް އެ ދައުވާ ކުރާތީ ކަމަށް ބުނެ އެވެ. ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރުމަށް ވިލާ ކުންފުންޏާއި ސަރުކާރާ ދެމެދު ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައި އޮއްވާ ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އިން އެ ދައުވާ ދައުލަތާ ދެކޮޅަށް ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ޚިލާފް ކަމެއް ކަމަށް ބުނެ އެ ރަށްތައް ސަރުކާރުން އަތުލީ 2015 ގައި އެވެ.

އެކަމަކު މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ވިލާއަށް ދޫކުރި އެ ރަށްތައް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ރަށްތަކުގެ އެއްބަސްވުން އަދިވެސް ބާތިލް ނުވެ، ދެމި އެބައޮތް ކަމަށެވެ.