ބަންދުގައި ބެހެއްޓުމުގެ ގޮތުން ގޭގައި ބަންދުކުރަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް

ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓަންޖެހޭ މީހަކު ގޭގައި ބަންދުކުރަން އަމުރު ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.


ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު އެގޮތަށް ކަނޑައެޅީ ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައި، އިއްވި ހުކުމުގަ އެވެ. އެ މީހާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާ 15 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.

އެ އަމުރު ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަމްބަރުގައި ބުނާ "ބަންދުގައި ބެހެއްޓުން" މާނަކުރަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުން ކަމަށެވެ. ސަބަބަކީ އެ ގާނޫނުގެ 52 ވަނަ މާއްދާގައި، ބަންދުކުރަން ޖެހޭ މީހުން ބަންދުކުރަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ބުނެފައިވާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

"ލުއި ދިނުމުގެ ގޮތުން ނުވަތަ އެ ނޫން ގޮތަކަށް ވެސް، ކުށުގެ ތުހުމަތުގައި ބަންދުކުރަން ޖެހޭ މީހާ ގޭގައި ބަންދުކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމާއި..." ހުކުމުގައިވެ އެވެ.

އެގޮތަށް ކަނޑައެޅިޔަސް، ކަފާލާތުގެ އުސޫލުން ނުވަތަ ޝަރުތުކޮށްފައި މީހުން ބަންދުން ދޫކުރާ ހާލަތުގައި ވަކި ވަގުތެއް ވަންދެން ގޭގައި ހުރުމަށް ޝަރުތު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެއީ ކަފާލާތު އުސޫލުން ނުވަތަ ޝަރުތުތަކާ އެކު ބަންދުން ދޫކުރުމަށް ކުރާ އަމުރުތަކަކީ ބަންދު ކުރުމުގެ އަމުރެއް ކަމަށް ނުވެފައި، އެއީ ބަންދުން ދޫކޮށްލުމުގެ އަމުރެއް ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކުށުގެ ތުހުމަތު ކުރެވޭ މީހުން ގޭ ބަންދުގައި ބަހައްޓަން އަމުރު ކުރަމުން އައިސްފައި ވިޔަސް، ގާނޫނު އޮތްގޮތުން މިހާރު އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ގާނޫނު އައުމުގެ ކުރިން، އެގޮތަށް އަމަލު ކުރަމުން ދިޔައީ އޭރު އަމަލުކުރި "ކުށުގެ ތުހުމަތު ކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ" ދަށުން އެ ބާރު ދީފައި އޮތުމުން ކަމަށާއި އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ އެކު ކުރީގެ އުސޫލުތައް ބާތިލްވީ ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ކުރިން އަމަލު ކުރަމުން އައި ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ނެތް ކަމަށް ބުނެ، ކުރިން އަމަލު ކުރަމުން އައި ގޮތަށް އަމަލު ކުރަމުން ގެންދިއުމަކީ ވަކި ކަމަކާ ގުޅޭގޮތުން ގާނޫނެއް ހެދުމުގެ ބޭނުން ކެނޑިގެންދާނެ ކަމެއް ކަމާއި.." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރިޔަސް، އެ މައްސަލާގައި ހިމެނޭ މީހާ އަލުން ބަންދު ކުރާކަށް ހައި ކޯޓުން އަމުރެއް ނުކުރެ އެވެ. އެއީ އެ މީހާ އެއްކޮށް ބަންދުން ދޫކޮށްލަން ފަހުން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ތާއީދު ކޮށްފައިވާތީ އެވެ.