ފަހުން ލިބުނު ކޯޓާއަށް ހައްޖަށް ދާ މީހުން މާދަމާ ފުރަނީ

ހައްޖަށް ގެންދިއުމަށް ރާއްޖެއަށް އިތުރަށް ލިބުނު 1000 ކޯޓާގައި ހައްޖަށް ދާ މީހުން މާދަމާ ފުރަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.


ހައްޖަށް މީހުން ގެންދަން ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައި އޮންނަ ރަސްމީ ކޯޓާއަކީ 1،000 އެވެ. އިތުރު 1،000 މީހުންނަށް ޖާގަ ލިބުނު ކަމަށް މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ.

އިތުރަށް ލިބުނު 1،000 ކޯޓާގެ ތެރެއިން 900 ކޯޓާ ދީފައިވަނީ ސަރުކާރުގެ ހައްޖު ކޯޕަރޭޝަނަށެވެ. އަދި 50 ކޯޓާ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑަށް ދިން އިރު ބާކީ 50 ކޯޓާ ލިބުނީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕަށެވެ.

ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ ލިބުނު ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިދުރީސް އިސްމާއިލް މިއަދު ވިދާޅުވީ އިތުރަށް ލިބުނު ކޯޓާގެ ތެރެއިން އެ ކޯޕަރޭޝަންގެ ފަރާތުން ފޮނުވަނީ 400 މީހުން ކަމަށެވެ.

"މާދަން ފުރުން ހަމަޖެހިފައި އޮތީ. އަދި ސީދާ ވަގުތެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަމަކު ފުރުމުގެ ކަންކަން މިހާރު ހުރީ ހަމަޖެހިފައި،" އިދުރީސް ވިދާޅުވި އެވެ.

ތަޒްކިޔާ އަދި އަލް ހަރަމައިންގެ ފަރާތުން ވެސް އެމީހުންނަށް އިތުރަށް ލިބުނު ކޯޓާއަށް މީހުން ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ދެ ކުންފުންޏާ މިއަދު ގުޅޭ ގޮތް ނުވުމުން އެންމެ ފަހުގެ މައުލޫމާތު ލިބޭ ގޮތް ނުވި އެވެ.

"މިހާރު" އިން ވާހަކަ ދެއްކި ބައެއް ހައްޖު ގްރޫޕުތަކުން ބުނީ ފަހު ވަގުތު ކޯޓާ ހަމަޖެހުމުން މީހުން ގެންދިއުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

އެގޮތުން ހައްޖު މަހަށް ފަހު، ހައްޖުގެ އަޅުކަން ނިމެންދެން، ޖިއްދާ އަށް ދެވެނީ ހަމައެކަނި ސައުދީ އެއާލައިނުން ކަމަށްވާތީ ފްލައިޓުން ޖާގަ ލިބުމުގެ ދަތިތަކެއް ހުރި ކަމަށް ހައްޖު ޖަމާއަތްތަކުން ބުނެ އެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތްކުރަން އެބަ މީހުން ގެންދަން. ރާއްޖޭން ސިލޯނަށް ފްލައިޓެއް ޗާޓަރުކޮށްގެން ގޮސް، ކޮލޮމްބޯ އިން ސައުދީ އަށް ދިއުމުގެ ވިސްނުމެއް ވެސް އެބަ ގެންގުޅެން،" ތަޒްކިޔާ ގްރޫޕްގެ ފަރާތުން ކުރިން ބުންޏެވެ.

ރަސްމީކޮށް، ކުރިން ލިބުނު 1،000 ޖާގަ އަށް ދާ ދިވެހި ހައްޖުވެރިން މިހާރު ތިބީ މައްކާގަ އެވެ.