ހައްޖަށް ގެންދާ އަގު ހަމަޔަކަށް އަޅުވައި، ފަސޭހަ ގޮތެއް ހަމަޖައްސާނަން: ފައިސަލް

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި، ހައްޖަށް ގެންދިއުމުގެ އަގު ހަމަޔަކަށް އަޅުވައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފެރިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ މިއަދު ފެންނަނީ އެއްވެސް ކޮންޓްރޯލެއް ނެތި، ހައްޖު ކޯޓާ ބަހާތަން ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ކަންކަން ހިތު ހުރި ގޮތަކަށް ހިނގަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިއަދު އއ. ފެރިދޫ އަށް ވަޑައިގަތުމުން، އެ ރަށު ރައްޔިތުން އޭނާ އަށް މަރުހަބާ ދަންނަވަނީ. - ފޮޓޯ: އެމްޑީޕީ

"(ހައްޖަށް ދިއުމުގެ) އަގުތައް އެއްވެސް ކޮންޓްރޯލެއް ނެތި ބޮޑުވަމުން ދަނީ. މިއީ ރައްޔިތުން ކަންބޮޑުވާ ކަމެއް. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެން މިކަންކަން ހަމަ މަގަށް އަޅުވައި، ފަސޭހަ ގޮތަކަށް، ހައްޖަށް ދެވޭނެ މަގު، ކޮންޓްރޯލެއް ގެންނާނަން،" ފައިސަލް ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް މިހާރު ދެވޭނީ 69،000ރ. ދައްކައިގެންނެވެ. އެކަމަކު، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ދާނަމަ، އެއަށްވުރެ އަގު ބޮޑެވެ.

ފެރިދޫގައި މިއަދު ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް ވިދާޅުވި ގޮތުގައި، އިދިކޮޅު ވެރިކަމެއްގައި އިސްލާމިކް މިނިސްޓްރީގެ ތެރެއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ އެވެ. ދީނީ ކަންކަމުގައި މި ސަރުކާރުން އަމަލުކުރާ ގޮތަށް ވެސް ފައިސަލް ފާޑު ވިދާޅުވި އެވެ. އެގޮތުން ހުސް ބިންތަކުގައި އީދު ނަމާދު ކުރާނަމަ، ހުއްދަ ނަގަން ޖެހޭ ގޮތަށް އޮތުމަކީ ސިޔާސީ ކަންތައްތަކެއް ނޫންތޯ ސުވާލުކުރެއްވި އެވެ.

ފައިސަލްގެ ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- އިދިކޮޅު ވެރިކަމެއްގައި އަސާސީ ކަންކަން ކުރުމުގައި ފަހަތަށް ނުޖެހޭނަން.

- ގެސްޓްހައުސް ވިޔަފާރީގެ ނަފާ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން.

- ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، އެ ދާއިރާގައި އުޅޭ އެންމެންނާ ގުޅިގެން މަސައްކަތް ކުރާނަން.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރާއްޖެ ކުރިން ދެކިފައި ނުވާ އަނިޔާވެރި ސަރުކާރެއް ކަމަށާއި ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކަށް ގޮން ޖަހައި، ގުޅުންތައް ކަނޑާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާއާ މިހާތަނަށް ބައްދަލުވި 150،000 މީހުން ބޭނުންވަނީ ބަދަލެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.