ސްނައިޕަރު ގެނައި މައްސަލާގައި އަދީބާއި އިތުރު ބަޔަކަށް ދައުވާކޮށް، ކޯޓަށް

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށްޓަކައި އެކަމުގެ ތަޖްރިބާ ލިބިފައިވާ ސްރީލަންކާގެ މީހަކު ރާއްޖެ ގެނައި މައްސަލާގައި އެ މީހާ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އިތުރު ދެ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.


ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން ލިބިފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރުމަޑިޝަންކަރު ލައްވައި، ރައީސް ޔާމީންގެ ހަށިކޮޅަށް ބަޑި ޖަހައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އަދީބާއި މަޑިޝަންކަރުގެ އިތުރުން ދައުވާކުރަނީ މ. ލިލީޕާކް، ފަޒީލް ހަމީދާއި ގ. އޮއިވާލި އިސްހާގު ހުސައިންގެ މައްޗަށެވެ.

އަދީބާއި ފަޒީލާއި މަޑިޝަންކަރުގެ މައްޗަށް މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ ދަށުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އެވެ. އިސްހާގުގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އަދީބާއި ފަޒީލްގެ މައްޗަށް ދައުވާކުރަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ބަޑި ޖަހާ މީހަކު ހޯދަން އެ ދެ މީހުންނާއި އިތުރު ބަޔަކު މިދިޔަ އޮކްޓޫބަރު މަހު ރާވާފައިވާތީ އެވެ. މަޑިޝަންކަރުގެ މައްޗަށް ދައުވާކުރަނީ އަދީބާއި ފަޒީލްގެ ރޭވުމަށް އެއްބަސްވެ، އެކަން ކުރަން ރާއްޖެ އައިސްފައިވާތީ އެވެ.

އިސްހާގުގެ މައްޗަށް ދައުވާކުރަނީ އެކަމުގެ މައުލޫމާތު އެނގިހުރެ އަދި އަދީބުގެ އެންގުމަށް އެކަމަށް ބޭނުންވާ ފައިސާ އަދީބު ބުނި ފަރާތްތަކަށް ފޯރުކޮށްދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދީބުގެ މައްޗަށް ދައުވާ ކުރިއިރު ތަފާތު ތިން މައްސަލައެއްގައި އޭނާ މިހާރު ވެސް ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އިތުރު ގިނަ ދައުވާތަކެއް ވެސް އޭނާއާ ދެކޮޅަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.

މަޑިޝަންކަރު މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ. އޭނާ ދޫކޮށްލަން ބައިނަލްއަގްވާމީ ކެމްޕެއިނެއް މިހާރު ދަނީ ހިނގަމުންނެވެ.