ރީ ރަޖިސްޓްރޭޝަނާ ގުޅޭ ސިއްރު މައުލޫމާތެއް ޕީޕީއެމަކަށް ނުދެން: އީސީ

ރިޔާސީ އިންތިޚާބަށް، ރީ ރަޖިސްޓްރީކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި އެއްވެސް ފޯމެއްގައިވާ މައުލޫމާތު، ވެރިކަން ކުރާ ޕީޕީއެމަށް ނުވަތަ އެހެން ބަޔަކަށް ވެސް ފޯރުކޮށްދީފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިރޭ ބުނެފި އެވެ.


އަންނަ މަހު 23 ގައި ބާއްވާ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރީ ރަޖިސްޓްރީވުމަށް އިދިކޮޅު ޕާޓީތައް މެދުވެރިކޮށް އީސީ އަށް ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ޕީޕީއެމް އޮފީހަށް ލިބިފައިވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެގޮތުން، ރީ-ރަޖިސްޓްރީވާން ސްރީ ލަންކާ އިން ގެނައި 800 ފޯމްގެ މައުލޫމާތުތައް ވެރިކަން ކުރާ ޕާޓީ އަށް ލިބިފައިވާކަމުގެ ތުހުމަތު އެމްޑީޕީން ވަނީ ކޮށްފަ އެވެ.

އެ ފޯމްތަކުގައި ޖަހާފައިވަނީ ތިނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ގަސަމްގެ މޯބައިލް ނަމްބަރު ކަމަށާއި ރެއިން ފެށިގެން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ކަމަށް ބުނެ ވަރަށް ގިނަ ފޯން ކޯލްތައް އޭނާ އަށް ލިބެމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެވެ.

އިލެކްޝަންސް އަށް އެމްޑީޕީން ހުށަހެޅި ފޯމްތަކެއްގައިވާ މައުލޫމާތު، ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ލިބުނު ގޮތުގެ މައުލޫމާތު ސާފުކޮށްދޭން އީސީގައި ވަނީ އެދިފަ އެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަންސުން އާއްމުނުކުރާ އެއްވެސް މައުލޫމާތެއް ޕީޕީއެމް ނުވަތަ އެހެން ޕާޓީއަކަށް ވެސް ނުލިބޭނެ ކަމަށެވެ. އެއީ، އިންތިޚާބާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ހުރިހާ މަސައްކަތެއް ވެސް އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނާތީ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެ ކޮމިޝަނަށް ހުށަހެޅި ރީ ރަޖިސްޓްރޭޝަނާ ގުޅޭ މައުލޫމާތުތައް އާއްމުވެފައިވާ ކަމަށް ތިން ޕާޓީއަކުން ޝަކުވާ ހުށަހަޅާފައިވާތީ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި، ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހަޅައިގެން އެކަން އެބަ ބަލަން،" އަކްރަމް ވިދާޅުވި އެވެ.

އެކަމުގައި އެއްވެސް ބައެއްގެ އިހުމާލުވާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރީ ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށް، މީގެ ކުރިން ވެސް ޕާޓީތަކުން ޝަކުވާ ކުރި އެވެ. ސަރުކާރު މުވައްޒަފުން ލައްވައި ރީ ރަޖިސްޓްރޭޝަން ފޯމު ފުރައި، އެ ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދިޔަ މައްސަލައިގައި ވެސް ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު، ރީ ރަޖިސްޓްރޭޝަނަށް ޕާޓީތަކުންނާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ހުށަހެޅި އަދަދު އާއްމު ނުކުރުމަކީ ވެސް އިންތިޚާބުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމެއް ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.