އިންޑިއާ އިން ރާއްޖެ ހިފަން ގޮވާލުން ބަލައެއް ނުގަނެވޭނެ: އަދާލަތު ޕާޓީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މަކަރު ހަދައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގޮވާލެއްވި ގޮވާލުން ބަލައިނުގަނެވޭނެ ކަމަށް ބުނެ، އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.


ރާއްޖެ ހިފަން ޖެހޭނެ ކަމަށް ގޮވާލެއްވީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް މަގާމުތަކެއް ވެސް އަދާކުރައްވާ އަދި ގާނޫނު ހަދާ މަޖިލިސް ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ އެގޮތަށް ވިދާޅުވި ވިދާޅުވުމަށް އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް ވެސް އިއްޔެ ވަނީ ފާޑުވިދާޅުވެފަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ އިސްތިއުމާރު ކުރަން ޖެހޭ ހާލަތެއް އަންނާނެ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ. ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތެއް ކަމުން ސުބްރަމާނިއަމްގެ އެ ގޮވާލުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އަވަށްޓެރިކަމުގެ ނަޒަރާ ވެސް ޚިލާފް ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ލޮޅުން އަރާފާނެ އެއްވެސް ކަމެއް އިންޑިއާ އިން ނުކުރާނެ ކަން އިންޑިއާގެ އެކި ސަރުކާރުތަކުން ވޭތުވެދިޔަ ތަނުގައި ސާބިތުކޮށްދީފައިވާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ މިނިވަން، ޑިމޮކްރަޓިކް މާހައުލެއް ރާއްޖޭގައި ގާއިމް ކުރުމަށް އިންޑިއާގެ އެހީތެރިކަން ދިވެހިންނަށް ބޭނުންވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ރިޔާސީ އިންތިޚާބުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިންޑިއާ ވެސް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ފަރާތްތަކުން ކުރާ މަސައްކަތް އެ ޕާޓީން ބަލައިގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އިތުބާރާއި ޔަގީން ކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ، އިިގްތިސާދީ އަދި އަސްކަރީ ގާތް ގުޅުމެއް އިންޑިއާއާ އެކު އޮތުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. އެކަމަކު އެ އަސާސްތަކާ ރާއްޖެއިން ދުރަށް ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް ވެސް އަދާލަތުން ބުންޏެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިންޑިއާ އިން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ޑިމޮކްރަސީގެ މަގަށް ރާއްޖެ ވަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.