ރާއްޖެ ހިފަން ގޮވާލި މައްސަލާގައި އިންޑިއާ ސަފީރު މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ޓްވީޓްކުރެއްވި މައްސަލާގައި އިންޑިއާ ސަފީރު އަކިލެޝް މިޝްރާ މިއަދު ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންޑިއާގެ ސަފީރު ހާޒިރުކޮށް އޭނާއާ ސުވާލު ކުރެއްވީ ރާއްޖޭގެ ފޮރިން ސެކެޓަރީ އަހުމަދު ސަރީރެވެ. މިއީ ފޮރިން މިނިސްޓްރީއަށް އޭނާ ހާޒިރުކުރި ތިން ވަނަ ފަހަރެވެ.

ސަރީފު ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ އިސް ބައެއް ބޭފުޅުން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ވާހަކަތައް ދައްކަވަމުން ގެންދަވާތީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

އެކަމަކު މިޝްރާ ހާޒިރުކުރި މައްސަލާގައި ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ގައުމުތަކުގައި ތިބޭ ސަފީރުން އެ ގައުމުތަކުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ ސީރިއަސް މައްސަލަތަކެއް ދިމާވެގެންނެވެ.

މިޝްރާ ހާޒިރުކުރުމުގެ އިތުރުން ރާއްޖޭގެ ރިޔާސީ އިންތިހާބާ ބެހޭ މައުލޫމާތު ދޭން މިއަދު ވަނީ ބޭރުގެ ސަފީރުންނާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވެސް މިޝްރާ ބައިވެރިވެވަޑައިގަތެވެ.

އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި ސުބަރަމާނިއަމްގެ ވާހަކަ އަކީ އޭނާގެ އަމިއްލަ ހިޔާލެކެވެ. އެއީ އިންޑިއާގެ ސަރުކާރުގެ ވިސްނުން ނޫން ކަމަށް ވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ރާއްޖެ ހިފަން ޖެހިދާނެ ކަމަށް ސުބްރަމާނިއަމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ބައްދަލުކުރުމަށް ފަހު ކަމަށް ވާތީ އޭނާ އެގޮތަށް ހިޔާލުފާޅުކުރެއްވީ ނަޝީދުގެ ސަބަބުން ކަމަށް ބަލައި، އެތައް ބަޔަކު ގެންދަނީ ކުރީގެ ރައީސަށް ވެސް ފާޑުކިޔަމުންނެވެ.