އެމްޑީއޭ އިން ގޮތެއް ނިންމުން ފަސްކޮށްފި

ހިޔާލު ތަފާތުވުން އުފެދިފައިވާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުން އެމްޑީއޭ އިން މިއަދު ފަސްކޮށްފި އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ (ސަން ޓްރެވަލް ސިޔާމް) ހިންގަވާ އެމްޑީއޭ އިން މިރޭ ބާއްވަން ނިންމި ކައުންސިލް ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ. އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހެއް އަދި އެ ޕާޓީން ނުނިންމަ އެވެ.

މި ރެއަށް ބައްދަލުވުން އެޖެންޑާ ކުރިއިރު އެ ޕާޓީގެ މުސްތަގުބަލާ މެދު ގޮތްތަކެއް ނިންމުން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު މުއްދަތު ހަމަވެފައިވާ އެމްޑީއޭ-ޕީޕީއެމް ކޯލިޝަންގެ އެއްބަސްވުމާ މެދު ގޮތެއް ނިންމުން ވެސް ހިމެނެ އެވެ.

ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެމްޑީއޭއާއެކު ހަދާފައިވާ ކޯލިޝަނެއްގެ ތެރެއިންނެވެ.

އެމްޑީއޭގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދަވަނީ އެ އެއްބަސްވުމުގެ ދަށުން އެ ޕާޓީ އަށް ކޮށްދޭން އެއްބަސްވި ކަންތައްތަކަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެ ދެބަސްވުންތައް ގިނަވެ އެ ދެ ޕާޓީ މެދުގައި ދާދިފަހުން މަޝްވަރާތަކެއް ވެސް ކޮށްފައިވެ އެވެ.

ހަމައެގޮތަށް އެމްޑީޕީއާ ހިޔާލު ތަފާތުވުން ބޮޑު އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އާންމުން ގެންދަނީ ޕީޕީއެމާއެކު ކުރިއަށް ދިއުމަށް ލަފާދެމުންނެވެ. އެއީ ސިޔާސީ ޕާޓީއެއް ނަމަވެސް މިހާތަނަށް ކަންކަން ނިންމަވާފައި ވަނީ ޕާޓީގެ ލީޑަރު ސިޔާމުގެ ވިސްނުންފުޅަށެވެ.

ސަރުކާރުގެ އިސް ބޭފުޅުންނަށް ހުޝާމަދުކޮށް އުޅުއްވި ސިޔާމް މިފަހުން ރައީސް ޔާމީންގެ ކެމްޕޭން އެއްވެސް ހަރަކާތަކުން ފެނިވަޑައިނުގަންނަވާއިރު އިދިކޮޅު ކޯލިޝަނާ ސިޔާމް ގުޅިވަޑައިގަންނަވަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން ވަނީ އަރައިފަ އެވެ.

އަދި ކައުންސިލް މެމްބަރު އަދި ބިލެއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީންގެ އަނބިކަނބަލުން އައިޝަތު މަމްދޫހާ މިދިޔަ ހަފްތާގައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރައްވާކަން އިއުލާން ކުރައްވާ އިބޫއަށް ކެމްޕެއިން ކުރައްވަން ވެސް ފައްޓަވާފަ އެވެ.