މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ކުރި އިއުލާނުގައި ބުނީ މިރޭ ހުޅުވާ ބްރިޖާއެކު ހުޅުމާލޭގެ ހަތަރު މަގަކުން ދަތުރުކުރާ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެހެން މަގުތަކުން ކުރިއެކޭ އެއްގޮތަށް ދަތުރުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ބަދަލު ގެންނަން ނިންމާފައިވާ މަގުތައް
- ސައިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގު ބޯށިމާ ހިނގުން ގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ބޯށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސް މަގު ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ރީތިގަސް މަގު ކަށިމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ މަގެއް ގޮތަށް
ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން ބްރިޖްގައި އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ހާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެ އެވެ. އޭގެ އިތުރުން ދެ ފަރާތުން ބައިސްކަލް ދުއްވޭވަރުގެ ލޭނެއް ހަދާފައި ވެ އެވެ.
ބްރިޖާ ހެދި ހުޅުމާލެއަށް ބާރުބޮޑެއް ނުވާނެ ކަމަށް އެޗްޑީސީން ވަނީ ކުރިން ބުނެފަ އެވެ. އެ ކުންފުނީގެ އާބަން ޑިޒައިނާ އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި ބްރިޖް އާއްމުންނަށް ހުޅުވުމާއެކު މާލެ އިން ދާ ހުރިހާ ވެހިކަލަށް ހުޅުމާލެ އެރޭނެ ކަމަށެވެ.
ރަސްމީކޮށް މިރޭ ބްރިޖް ހުޅުވިއަސް އާއްމުންނަށް ހުޅުވާލަން ނިންމާފައިވަނީ އަންނަ ހަފުތާގެ ހުކުރު ދުވަހެވެ.