މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް މިހާރު އެބައޮތް: އެޗްއާރުސީއެމް

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ އެކަށީގެންވާ މާހައުލެއް ރާއްޖޭގައި މި ވަގުތު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.


އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން އިންތިޚާބެއް ބޭއްވޭނެ އެކަށީގެންވާ މާހައުލެއް އެބައޮތްތޯ ބެލުމަށް އެ ކޮމިޝަނުން ތިން ބަޔަކަށް ބަހާލައިގެން ދިރާސާ ކުރަމުންދާ ކަމަށެވެ. އެގޮތުން އިންތިޚާބާ ބެހޭ ގާނޫނުތަކާއި އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމާއި މީޑިއާތައް މޮނީޓާ ކުރުމާއި ޕާޓީތަކާއި ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށް، އެކި ކަންކަން ހައްލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެކި ރަށްރަށަށް އެ ކޮމިޝަންގެ ޓީމުތައް ދަތުރުކޮށް، އިންތިޚާބު ބޭއްވޭނެ މާހައުލެއް އޮތްތޯ އެ ކޮމިޝަނުން ބަލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މިގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އަލީގައި ކޮމިޝަނަށް ފާހަގަ ކުރެވެނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް މިވަގުތު ގާއިމްވެފައިވާ ކަމަށެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް އޮތުމަކީ ކަށަވަރުވާން ޖެހޭ މުހިންމު ހައްގެކެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ހައްގު އަދާކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިހާރު އޮތް މާހައުލު ދެމެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ޕާޓީތަކާއި އަމިއްލަ ފަރުދުން މަސައްކަތް ކުރަން އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އަބްދުﷲ ޔާމީނާއި އިިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެ ދެ ބޭފުޅުން މާލެ އާއި ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު، އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން އުޅޭ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ބޮޑު ފާޑު ކިޔުމެއް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކަށް ދަނީ އަމާޒު ކުރަމުންނެވެ.