ސަރުކާރުގެ ދަރަނި އަދާކުރަން އިބޫއަކީ ގާބިލް ބޭފުޅެއް: އަމީތު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނިތައް ދެއްކެވުމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ގާބިލް ބޭފުޅެއް ކަމަށާއި އެއީ ދަރަނި ދައްކައިގެން ގައުމު ހިންގޭނެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރޭ ވިދާޅުވެއްޖެ އެވެ.


އަމިއްލަ ރަށް ގދ. ގައްދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ރަށްރަށުގައި ހިންގި ކަމަށް ސަރުކާރުން ބުނާ އިރު އޭގެ ތެރެއިން ބޮޑު އަދަދު ގޮސްފައި އޮތީ ބޮޑުންގެ ޖީބަށް ކަމަށެވެ. އެގޮތުން، ރާއްޖެ ވަނީ ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 47 ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށް ވިދާޅުވި އެވެ.

ގައްދޫގައި ބޭއްވި ޖަލްސާ: އަމީތު ވިދާޅުވީ އިބޫ އަކީ ވިސްނުން އިސްކުރައްވާ ބޭފުޅެއް ކަމަށް

"ބޮޑުންގެ ޖީބަށް ފައިސާ ޖަމާކޮށްފައި، ބޮޑުން މުއްސަނދިކޮށްފައިވަނީ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ތަރައްގީގެ ނަމުގައި ރައްޔިތުން ބިކަކޮށް ނިކަމެތިކޮށްފަ އެވެ. އަދި އިދިކޮޅު ވެރިކަމެއްގައި އިބޫ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކީ ދަރަނި އަދާކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ބޮލުގައި މިވަގުތު 150،000ރ. ގެ ދަރަނި އެޅިފައިވާ ކަމަށެވެ. މި ދަރަނި ބަހާލުމުން ހަމައެކަނި ގައްދޫ ރައްޔިތުންގެ ނިސްބަތުން ވެސް އެއީ 500 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިން ރައީސް ޔާމީނާ އެއްކޮޅަށް މަސައްކަތް ކުރެއްވި އަމީތު، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތީ ރައީސް ޔާމީނަށް ތާއީދުކުރުމުގެ ފިކުރު ދޫކޮށްލުމަށެވެ. ރައީސް ޔާމީނަކީ މުސްތަގުބަލެއް، އަދި ތަސައްވުރެ ވެސް އޮތް ލީޑަރެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިބޫ އަށް ތައުރީފްކުރައްވައި އަމީތު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ އިބޫ ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު އިބޫއަށް އެބަ އޮތް، އިބޫ އިހްލާސްތެރިވާނެ. އިބޫ ކުރި ވައްކަމެއް ފެންނާކަށް ނެތް. ކޮރަޕްޝަނެއް ފެންނާކަށް ނެތް. އިބޫއަކީ ކެތްތެރިކަމާ އެކު ޖަޒުބާތު އިސް ނުކުރައްވާ ވިސްނުން އިސް ކުރައްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް،" އަމީތު ވިދާޅުވި އެވެ.