ކުޅުދުއްފުށީ އެއާޕޯޓު އަޅާ ސަރަހައްދުގައި ހުރި ގެތައް ފަސް ދުވަސް ތެރޭގައި ހުސްކުރަން އަންގައިފި

ހދ. ކުޅުދުއްފުށީ އެއާޕޯޓު ހަދާ ސަރަހައްދުގައި ހުރި ގެތައް، ފަސް ދުވަސް ތެރޭގައި ހުސްކުރަން ރީޖަނަލް އެއާޕޯޓްސް އިން އިއްޔެ އަންގައިފި އެވެ.


އެއާޕޯޓު ހެދުމަށްޓަކައި ކުޅުދުއްފުށީގެ މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ރަންވޭ އަޅައި ޓާމިނަލްގެ މަސައްކަތް ފެށެން އޮތީ އެ ސަރަހައްދުގައި ހުރި 18 ގެއެއް ހުސްކޮށްގެންނެވެ. އެ ގެތަކުގެ ބަދަލުގައި އާ ގެތަކެއް އިމާރާތް ކުރުމަށް ކުޅުދުއްފުށިން ބިމާއި ފައިސާ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް ބަދަލުގެ ގޮތުގައި ދިނުމަށް ބުނާ އަގާ މެދު ބައެއް ގެތަކުގެ ވެރިން ހިތްހަމައެއް ނުޖެހެ އެވެ.

ހުސްކުރަން އެންގި 18 ގޭގެ ތެރެއިން މީހުން ދިރިއުޅެނީ 12 ގެ އެއްގަ އެވެ.

އޭގެ ތެރެއިން، ޑޭޒީވިލާ އިން ވާހަކަ ދެއްކި އަލީ އިސްމާއިލް ބުނީ ފަސް ދުވަސް ތެރޭގައި ގެތައް ހުސްކުރަން އަންގާފައިވާއިރު، ބަދަލެއް ވެސް އަދި ކުއްޔެއް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ، އޭނާ ދިރިއުޅޭ ގެ ހުސްކުރެވެން ނެތް ކަމަށް އަލީ ބުންޏެވެ.

"އެގޮތަށް ބަދަލެއް ވެސް ކުއްޔެއް ވެސް ނުދީ ބަދަލެއް ނުވެވޭނެ. ބައެއް މީހުން ގެ ހުސްކުރަން ފަށައިފި. އެކަމަކު އަޅުގަނޑުގެ ގެ ހުސްކުރަންޏާ އެކަން ކުރާނީ ކޯޓުން އަމުރެއް ކުރީމާ ފުލުހުން އައީމަ،" މީގެ ފަސް ވަރަކަށް އަހަރު ކުރިން އިމާރާތް ކުރި ހަތަރު ކޮޓަރީގެ ގޭގައި، 10 މީހުންނާ އެކު ދިރިއުޅެމުން އަންނަ އަލީ ބުންޏެވެ.

އޭނާގެ ގެއަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޭން ބުނެފައި ވަނީ 851،000ރ. އެވެ. އޭގެ އިތުރުން ކުލީގެ ގޮތުގައި އަށް މަސް ވަންދެން 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލް މިއަދު ވިދާޅުވީ، ހުސްކުރަންޖެހޭ ގެތަކާ ހުޅޭ ޝަރީއަތުގެ މަރުހަލާ މިދިޔަ ހަފުތާގައި ނިމިފައިވާ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދޭން ހަމަޖައްސާ ފައިސާ ފިނޭންސް މިނިސްޓްރީން ކުޅުދުއްފުށީ ކޯޓަށް މިއަދު ފޮނުވާނެ ކަން އަންގާފައިވާ ކަމަށް ވެސް ސާމީ ވިދާޅުވި އެވެ.

"ވަރަށް ސުލްހަވެރިކަމާ އެކު ގެތައް ހުސްކުރުމުގެ ކަންތައް ކުރަމުން އަންނަނީ،" ސާމީ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދެކެވެ.

މިދިޔަ މަހު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓުގެ މަސައްކަތް ދާދި އަވަހަށް ނިމިގެން ދާނެ. އަދި އިރާދަކުރެވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ ސެޕްޓެމްބަރު މަހުގެ 23 ގައި މި ނަގާ ވޯޓުގައި ކުޅުދުއްފުށިން މާލޭގައި ތިއްބެވި ބޭފުޅުން މި ރަށަށް ވަޑައިގެން ވޯޓް ލައްވާނީ ހަގީގަތުގައި ވެސް މަތިންދާ ބޯޓުގައި ވަޑައިގެންނޭ،" މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

"އެ ވަރަށް މަސައްކަތް ކުރެވޭތޯ އުންމީދު މިކުރަނީ."