ޕީޕީއެމް ކައުންސިލް ބޭއްވޭނީ އަންނަ މަހު، އަޑުއެހުން ފަސްކޮށްދޭން އެދިއްޖެ

ސިވިލް ކޯޓުގެ އެންގުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް އެންމެ އަވަހަށް ވެސް ބޭއްވެން އޮތީ އަންނަ މަހު ކަމަށާއި އެހެންވެ މާދަމާ އަށް ޝެޑިއުލް ކޮށްފައިވާ އަޑު އެހުން ފަސްކޮށްދޭން ޕީޕީއެމުން މިއަދު ސިވިލް ކޯޓުގައި އެދިއްޖެ އެވެ.


ޕީޕީއެމުން މިގޮތަށް މި އެދުނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމަށް ކައުންސިލްގެ ގަރާރާ އެކު، ޕީޕީއެމުން މާދަމާ ކޯޓަށް ހާޒިރުވާން އެ ކޯޓުން އަންގާފައިވާތީ އެވެ. ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ މައްސަލަ ކޯޓަށް ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ދެ މެމްބަރެކެވެ.

ޕީޕީއެމުން ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބުނީ ކޯޓުގައި ހިނގަމުންދާ މައްސަލަ އަށް ޕީޕީއެމް ތަމްސީލްކުރާނެ ފަރާތެއް ކަނޑައަޅަން ޖެހޭނީ ކައުންސިލް ބައްދަލުވުމެއްގައި ފާސްކުރާ ގަރާރަކުން ކަމަށް އެ ކޯޓުން ނެރުނު ނެރުނު ވަގުތީ އަމުރުގައި އަމުރުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ގަރާރެއް ފާސްކުރެވެން ނެތް ކަމަށާއި ސަބަބަކީ ޕާޓީގެ ރައީސް މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވުމުން ކަމަށް ސިޓީގައިވެ އެވެ.

"އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ ނިޔަލަށެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަސާސީ ގަވާއިދުގެ (ށ)ގައި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ޕާޓީގެ ރައީސް އެވެ. މި މާއްދާގައިވާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނީ ޕާޓީގެ ރައީސްގެ ހާޒިރުގަ އެވެ،" ސިޓީގައިވެ އެވެ.

"އެފަދަ ގަރާރެއް ފާސްކުރުމަށްޓަކައި ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް އެންމެ އަވަހަށް ބޭއްވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގަ އެވެ."

ސިޓީގައި ބުނެފައިވާ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ހުރިހާ ކަމެއް އެ ޕާޓީން މިހާރު ވަނީ ކޮށް ނިންމައިފަ އެވެ. އެހެންވެ ކޯޓުގައި މިހާރު ހިނަގނީ ނިމިފައިވާ މައްސަލައެއް ކަަމަށް އެ ޕާޓީން ދެކޭ ކަމަށް ޕީޕީއެމުން ބުންޏެވެ.

މައްސަލަ އެދުނު ފަރާތުން ހުށަހެޅި ކަންކަން ކަމަށް ސިޓީގައި އިޝާރާތްކޮށްފައި ވަނީ ޕީޕީއެމްގެ ކޮމެޓީތަކަށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކައުންސިލްގެ އިތުރުން މައުމޫންގެ ހުއްދަ ނެތި ޕާޓީގެ ކޮމެޓީތައް ނުބާއްވަން އެންގެވި އެންގެވުމާ ގުޅިގެން ކަމަށްވާއިރު، އެ އެންގެވުން އަނބުރާ ގެންދަވައި ކޮމެޓީތައް ބޭއްވުމުގެ ހުއްދަ މައުމޫން ވަނީ ދެއްވައިފަ އެވެ. ޕާޓީގެ ކައުންސިލް ބާއްވަން ވެސް މައުމޫން މަސައްކަތް ކުރެއްވި ކަމަށާއި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ އެތެރޭގެ މައްސަލަ އަށް ހައްލު ނުހޯދުނީ ބައެއް މެމްބަރުން ބައްދަލުވުން ދޫކުރައްވައި ވަޑައިގަތުމުން ކަމަށް ޕީޕީއެމުން ބުނެ އެވެ.