ދިދަފަތި ދަމާ ބިދޭސީންނާ މެދުވެސް ފިޔަވަޅު އަޅާނަން: އިމިގްރޭޝަން

މިމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދިދަ ފަތި ދެމުން ފަދަ ކަންކަމުގައި އުޅޭ ބިދޭސީންނާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.


ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕީޕީއެމުން މާލެ އާއި ރަށްރަށުގައި ދިދަ ފަތި ދެމުމާއި ބެނާތައް ހަރު ކުރުމުގައި ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި އެ ކަންކަން ކުރުމަށް ޕީޕީއެމުން ބޭނުން ކުރަނީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

ސިޔާސީ ކަންކަމުގައި ބައިވެރިވާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފަ އެވެ.

ބިދޭސީން ޕީޕީއެމުންގެ ބެނާ ދަމަން އުޅެނިކޮށް ނަގައި ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ފޮޓޯއެއް--

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ބެނާ ދެމުން ފަދަ ކަންކަމަކީ ސިޔާސީ ކަންކަމަށް ވާއިރު ބިދޭސީންނަށް އެ ކަންކަމުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން އެ މަސައްކަތުގައި އުޅޭތީ އެކަން ބަލަމުން ދޭތޯ ސުވާލު ކުރުމުން ހަލީލް ވިދާޅުވީ ގަވައިދާ ހިލާފު ވާނަމަ ފިޔަވަޅު އެޅުމުގައި ވަކި ބައެއް ނުބައްލަވާނެ ކަމަށެވެ.

އިމިގްރޭޝަނުން އެ އިންޒާރު ދިން ނަމަވެސް މިފަހުން އަދި ބިދޭސީއަކާ ދޭތެރޭ ފިޔަވަޅު ނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މާލޭގެ އުތުރު ފަރާތުން ބަނދަރުމަތީގައި، ރައީސް ޔާމީނަށް ތާއީދު އިތުރު ކުރުމުގެ ގޮތުން މި ހަފުތާގައި ދަމާފައިވާ ބެނާތަކާއި ދިދަފަތިތައް ހަރުކުރުމުގައި ބިދޭސީން ހަރަކާތްތެރިވި މަންޒަރު ފެނިފައިވާ ކަމަށް އެ ސަރަހައްދުގެ ފިހާރަތަކުގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެ އެވެ.

"އެންމެ ފަހުން، އިއްޔެ ވެސް މި ހިރަ ހުރިހާ ފޮތިތައް ދެމީ ބިދޭސީން. އެ މަންޒަރެއް ނުފެނޭ އިމިގްރޭޝަނަކަށް. އެކަމު ބުނާނެ ސިޔާސީ ކަންކަމުގައި އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅާނަމޭ. އެކަން ވެސް އިދިކޮޅު މީހުން ކޮށްފިއްޔާ ވަގުތުން ފެންނާނެ. މި ފިޔާތޮށި ކުލައިގެ މަސައްކަތް ކުރަންޏާ އެއީ ކުށަކަށް ނުވޭ، ކިހާ ދެރަ ކަމެއް،" މާރުކޭޓު ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

ބިދޭސީން ޕީޕީއެމުންގެ ބެނާ ދަމަން އުޅެނިކޮށް ނަގައި ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ފޮޓޯއެއް--

ހޮނިހިރު ދުވަހު އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާގައި އުޅޭ ބިދޭސީނާއި ޓޫރިސްޓުން އެއްވެސް މިންވަރަކަށް ސިޔާސީ ކަމެއްގައި ހަރާތްތެރިވުމަކީ ވިސާ ދިނުމުގެ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފި ފަރާތެއްގެ ވިސާ ކެންސަލްކުރަން ފަސްނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.