ރައީސް ޔާމީން އައްޑު އަށް ވަޑައިގެންފި

އައްޑޫގައި ނިމިފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑުއަށް ވަޑައިގެންފި އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް ޔާމީން އައްޑު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ރައީސް ޔާމީން ވަޑައިގަތް ވަގުތާ ދިމާކޮށް ވާރޭ ވެހުނު ނަމަވެސް ވާރޭ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކާ އެމަނިކުފާނު ސަލާމް ކުރެއްވި އެވެ.

އައްޑު އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ހާއްސަ ކަމަކަށް އޮތީ މި ރޭ ހިތަދޫގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހުޅުމީދު އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމާއި ފެނުގެ ހިދުމަތް އިފުތިތާހު ކޮށްދެއްވުމާއި އެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ހުޅުއްވައި ދެއްވުމާއި ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައި ދެއްވުން އޮންނާނެ އެވެ.

ފިޝަރީޒް ކޮމްޕްލެސްއަކީ 2014 ގައި އައްޑު އަށް ރައީސް ޔާމީން ވަޑައިގެން އިފުތިތާހު ކޮށްދެއްވި މަޝްރޫއެކެވެ. ނަމަވެސް އެ ތަނުގެ ބިންގާ އަޅައި، ފިޝަރީޒް ކޮމްޕްލެކްސް ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެށުނީ އޭގެ ދެ އަހަރު ފަހުން 2016 ގަ އެވެ.

ރައީސްގެ މިއަދުގެ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުން ވެސް އޮންނާނެ އެވެ.

މީގެ އިތުރުން ހިތަދޫގެ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވުމާއި ފްލެޓްތަކާއި ނޭޗާ ޕާކާއި، ސޯލާ ހައިބްރިޑް ޕަވާ ސިސްޓަމް ހުޅުއްވައި ދެއްވުމުގެ އިތުރުން ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައި ދެއްވުމާއި ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރުން ވެސް އޮންނާނެ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅާ ދިމާކޮށް އައްޑޫ ލިންކް ރޯޑްގެ އެކި ސަރަހައްދުތަކުގައި ޕީޕިއެމްގެ ދިދަފަތިތައް ދަމައި، ރައީސް ޔާމީންގެ ފޮޓޯފުޅުތައް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވެ އެވެ.

ރައީސް ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ 2015 ގަ އެވެ.

އައްޑޫ ދަތުރުފުޅަށް ފަހު ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައި ދެއްވުމާއި ފްލެޓްތައް ހުޅުވުމާއި ނޭޗަ ޕާކް ހުޅުއްވައިދެއްވުމުގެ އިތުރުން ފުވައްމުލަކުގެ ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތުގެ ނިމުން ވެސް ރައީސް ޔާމީން ފާހަގަ ކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.