ގޯއްޗަށް އެދި ހުށަހެޅުން ޕީޕީއެމްގެ ކައުންސިލްތަކަށް އެކަނި

ގޯތި ދޫކުރަން ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ 11 ރަށުގެ ތެރެއިން ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ ނެތް ރަށްރަށުގައި ގޯއްޗަށް އެދި ދައުލަތު އެހެން އިދާރާއަކަށް ސިޓީލުމަށް އަންގައި މިއަދު އިއުލާންކޮށްފި އެވެ.


ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާންތަކުގައި ޕީޕީއެމް މެޖޯރިޓީ ކައުންސިލެއް ހިމެނެނީ ދެ ރަށެއްގަ އެވެ. އެއީ ކ. ހިންމަފުއްޓާއި ތުލުސްދޫ އެވެ. އެ ދެ ރަށުން ގޯއްޗަށް އެދި ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީއަށް ނުވަތަ އެރަށު ކައުންސިލަށެވެ.

ދެން ގޯތި ދޫކުރާނެކަން އިއުލާން ކޮށްފައިވާ ގދ. ތިނަދޫ އާއި ދ. މީދޫގެ އިތުރުން އައްޑޫގެ ރަށްތަކާއި ކ. މާފުށި އަދި ލ. ގަމާއި ހދ. ހަނިމާދޫ އަދި ކުޅުދުއްފުށި ފަދަ ރަށްރަށުގެ ގޯއްޗަށް އެދި ސިޓީ ލުމަށް އަންގާފައިވަނީ ހައުސިން މިނިސްޓްރީއަށް ނުވަތަ އެރަށެއްގައި ހުންނަ ސަރުކާރުގެ އެހެން އިދާރާއަކަށެވެ. އޭގެ ތެރޭގައި ފެނަކަ އޮފީހާއި ޔޫތު ސެންޓަރު ފަދަ އިދާރާތައް ހިމެނެ އެވެ. އެރަށްތަކުގެ ކައުންސިލްތަކުގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު އެމްޑީޕީއަށެވެ.

ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން ވަނީ ގޯތި ދޫކުރުންފަދަ ކަންކަމަށް ބައެއް ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ކައުންސިލަރުން، ރައްޔިތުން ބޭނުންވާ ކަންކަމަށް ފުރަގަސްދީގެން، ސަރުކާރުން ފޮނުވާ އަމުރުތަކަށް ތަބާ ނުވި ނަމަވެސް ސަރުކާރުން އެކަންކަން ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)ގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ގެ އެޅުމަޑް ރަށްތަކުން ބިން ދޫކުރުމާއި ލުއި ލޯން ހަމަޖައްސައި ދިނުން ހިމެނެ އެވެ. ރަށްތަކުގެ ބިންތައް ބޭނުންކުރުމުގެ ބާރު ކައުންސިލްތަކަށް ދެއްވާނެ ކަމަށް އިބޫ ވައުދުވެ ވަޑައިގަންނަވަ އެވެ.