ވޯޓަށް މަކަރުހަދާ ނަމަ މޫނު ދެނެގަންނަ ޓެކްނޮލޮޖީން ދެނެގަނެވޭނެ: އުގައިލް

ރިޔާސީ އިންތިޚާބުގައި ވޯޓަށް މަކަރު ހަދާ ނަމަ އެކަން، އެމްޑީޕީން ބޭނުންކުރަން ނިންމާފައިވާ މޫނު ދެނެގަންނަ ޓެކްނޮލޮޖީން ހޯދޭނެ ކަމަށް، ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.


ވޯޓުލާ މީހުންގެ މޫނު ދެނެގަންނަން ފޭސް ޑިޓެކްޝަން އެންޑް ރިކޮގްނައިޒް ސިސްޓަމެއް ބޭނުންކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީން ވަނީ ނިންމައިފަ އެވެ. އޭގެ ސަބަބުން އެކަކު ދެ ފަހަރު ވޯޓު ލާ ނަމަ އެކަން ދެނެގަނެވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އުގެއިލްގެ ޓްވީޓް

އިނގިރޭސިވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސީނިއަ ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި އުގައިލް ވަނީ މޫނުން މީހާގެ އަސަރު ދެނެގަނެވޭ ސޮފްޓްވެއާއެއް އީޖާދުކުރައްވައިފަ އެވެ.

އިންތިހާބަށް އެމްޑީޕީން ހޯދާ ޓެކްނޮލޮޖީގެ ވާހަކަ މީޑިއާގައި އާންމުވުމާ އެކު އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ލާ މަރުކަޒުތަކުގައި އެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ވޯޓުގައި މަކަރު ހަދާ ނަމަ އެކަން ދެނެގަނެވޭނެ އެއްޗެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިދިއަ ހޮނިހިރުދުވަހު "މިހާރު"އަށް ވިދާޅުވީ ދިވެހި ޒުވާނުންތަކެއް ތައްޔާރުކުރި އެ ނިޒާމް ބޭނުންކުރަން ޖެހުނީ މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިތުބާރުނުކުރާތީ ކަމަށެވެ. އެހެންވެ މިފަހަރުގެ އިންތިޚާބުގައި އެ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯނާއި ލެޕްޓޮޕް ނުވަަތަ ޓެބްލެޓް ފަދަ ވަސީލަތްތަކުން އެ ސިސްޓަމް ބޭނުންކުރާއިރު ވޯޓު ލާން ކިއުގައި ތިބޭ މީހުން ދެނެގަނެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އެކަމަކު އެ ޓެކްނޮލޮޖީއަށް ބޭނުންވާ ފޮޓޯ، އެމްޑީޕީން ނަގާނީ ކިހިނެއް ކަމެއް ނޭނގެ އެވެ.

މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެނެގަންނަނީ އެކަކު އެކި މަރުކަޒުތަކަށް ގޮސް ވޯޓު ލާތޯ އެވެ. އެހެންކަމުން ވޯޓު މަރުކަޒުތަކަށް ވޯޓު ލާން ގޮސް ތިބޭ މީހުންގެ ފޮޓޯ ވަގުތުން އެ ނިޒާމަށް އަޅަން ޖެހޭނެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިޚާބުގައި އުގައިލް ވާދަކުރައްވަފާނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން، އޭނާއަށް އެ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެ އިސްލާހުގައި ވަނީ ބޭރު ގައުމެއްގެ ރައްޔިތެއްގެ ހައިސިއްޔަތު ހޯދާފައިވާ ދިވެއްސަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އެ ރައްޔިތުކަން ދޫކޮށްލާތާ 10 އަހަރު ފަހުން ކަމަށެވެ.

މީގެ 15 އަހަރު ކުރިން އުގައިލް ވަނީ އިނގިރޭސި ރައްޔިތަކަށް ވެވަޑައިގެންފަ އެވެ.