ކެމްޕޭނަށް މެލޭޝިއާގައި "ޖަޒީރާ ގޭމްސް" ބާއްވައިފި

އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ހަރަކާތެއްގެ ގޮތުގައި "ޖަޒީރާ ގޭމްސް"ގެ ނަމުގައި މެލޭޝިއާގައި ކުޅިވަރު މުބާރާތްތަކެއް ބާއްވައިފި އެވެ.


މެލޭޝިއާގައި ދިރިއުޅޭ، އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ދިވެހިންގެ މި ހަރަކާތުގައި ޑިގު، ޕީއެސް، ފުޓްސަލް އަދި ބަށި މުބާރާތެއް ވެސް ބޭއްވި އެވެ.

"ޖަޒީރާ ގޭމްސް"ގައި ބޭއްވި ބަށި މުބާރާތުގައި އަންހެނަކު ބަށި ކުޅެނީ.

މި އިވެންޓް އިންތިޒާމްކުރި ފަރާތުން ބުނި ގޮތުގައި މެލޭޝިއާގައި ބޭއްވި ބަށި މުބާރާތަކީ އެ ގައުމުގައި ބޭއްވި ފުރަތަމަ ބަށި މުބާރާތެވެ. އޭނާ ބުނީ މި ކުޅިވަރު ހަރަކާތްތަކަށް، މެލޭޝިއާގައި އުޅޭ ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވަށް ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް މިދިޔަ ހަފުތާގައި މެލޭޝިއާ އަށް ވަޑައިގެންނެވި އެވެ. އެ ދަތުރުގައި ފައިސަލް ވަނީ މެލޭޝިއާގައި ތިބި ދިވެހި ދަރިވަރުންނަށް ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މެލޭޝިއާގައި ފައިސަލް ބޭއްވި ބައްދަލުވުމުގައި، އެ ގައުމުގައި އުޅޭ ދިވެހިންގެ ތެރެއިން 380 މީހަކު ބައިވެރިވި އެވެ.