ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: އެމްޑީޕީ

ހިޔާލު ފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ކުރެވެން ހުރި ކޮންމެ ކަމެއް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކުރާނެ ކަމުގެ ޔަގީންކަން އިދިކޮޅު އެމްޑީޕީން މިއަދު ދީފި އެވެ.


އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ލާން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރުމަށް ފަހު، އެ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި މި ބިލު މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި ވެސް އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެ، އެކަމާ ދެކޮޅަށް ވޯޓު ލައިފަ އެވެ. އެ ނިންމުން ބަދަލު ނުވާ ކަމަށާއި އެންމެ ފަހު ވަގުތާ ޖެެހެންދެން ވެސް އެމްޑީޕީން ތިބޭނީ އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގެންދެވެން އޮތް އެންމެ ދުރަކަށް، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ނިންމި ވާހަކަ ދަންނަވަން،" އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް، ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ކުރިން ކަންތައްތައް ދާ ގޮތަކަށް ނޫނެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭނުން ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދާއިރު، މިއަދު ނުވަތަ މާދަމާ ވެސް ކޮމިޓީން ބިލުގެ ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުގައި ބިލު ފާސްކުރަން ނަގާ ވޯޓުގައި ބިލާ ދެކޮޅަށް ވޯޓު ދޭން ނިންމިއިރު، ކޮމިޓީގައި ވެސް އެމްޑީޕީން މުހިއްމު، ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އިބޫ ފާހަގަކުރެއްވި އެވެ. އެކަމަކު، އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ކޮމިޓީގައި ތިއްބަވަނީ ކީއްކުރަންތޯ ސިޔާސީ ފަރާތްތަކުންނާއި އާއްމުން ވެސް ސުވާލު އުފައްދަމުން އަންނަ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

ނަމަވެސް އެކަށީގެންވާ އިސްލާހުތަކެއް ބިލަށް ގެނެވޭތޯ ކުރެވުނު ކޮންމެ މަސައްކަތެއް ކުރަން އެމްޑީޕީން މިއަދު ވެސް ނިންމާފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ.

"މަޖިލީޖުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޮންމެ ގޮތަކަށް ފާސްކުރި ނަމަވެސް އެ މަސައްކަތް އަޅުގަނޑުމެން ކުރަން މިއަދު ނިންމައިފިން. ތަޅުމަށް އައިމަ ވެސް ދެން ކުރަން ޖެހޭ ކަންކަން ވެސް ކުރާނަން،" ޝައްކު އުފެދޭ ބިލުތަކުގައި އެމްޑީޕީން މީގެ ކުރިން ވެސް މަޖިލީހުގައި އެކި ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލަށް އެކަށީގެންވާ އިސްލާހުތަކެއް ގެނައި ކަމަށް ބަލާނީ ހާއްސަކޮށް ނޫސްވެރިން ފާހަގަކޮށްފައިވާ ކަންކަން ހިމަނާފައިވާ ނަމަ އެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހިމެނޭ ކަރުދާހެއް އެމްޑީޕީ އަށް ލިބިފައި ވާއިރު، އޭގެ ތެރޭގައި އާއްމުންނާ ގުޅުން ހުރި މައްސަލަތައް ވެސް އެކުލެވިގެންވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މާރިޔާ އާއި ފައްޔާޒު ވަނީ ބިލުގައި ހުރި "ތާކުންތާކު ނުޖެހޭ" ކަންތައްތައް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަކުރައްވާފަ އެވެ. އެ ގޮތުން، ޖޫރިމަނާ ބޮޑު ވުމާއި އަބުރު ގެއްލުނު މީހާ އަށް އެ ޖޫރިމަނާ ލިބުމުގެ ބަދަލުގައި ދައުލަތަށް ވަންނަ އާމްދަނީއެއްގެ ގޮތުގައި އޮތުމުގެ އިތުރަށް އެހެން ފަރާތްތަކުން ދައްކާ ވާހަކަ އަށް މީޑިއާތަކާއި ނޫސްވެރިން ޒިންމާވާން ޖެހުން ފަދަ ކަންކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

"ކަންކަން މި ދާ ގޮތުން މާ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަކަށް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ބިލާ ދެކޮޅު ހަދާފަ އެވެ. އެކަމަކު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ވިޕެއް ނުނެރެ އެވެ.

މުޅިއެކު އެގާރަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މިހާރު އަންނަނީ މި ބިލު ދިރާސާ ކުރަމުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެއީ ބާތިލް އެއްޗެއްގެ ގޮތުގަ އާއި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު އޮންނަ ކޮމެޓީން ނިންމި އެވެ.

ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، މިއަދާއި މާދަމާ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް މަޖިލީހުގައި ނަގާނެތީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ މެމްބަރުންނަށް އަންގަވާފަ އެވެ. ނަމަވެސް އެއީ ކޮން ވޯޓެއް ކަމެއް ނިހާން ވިދާޅުވެފައެއް ނެތެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގަ އާއި ވައިބަ ގުރޫޕްގައި އެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނިހާން އިޝާރާތް ކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު މަޖިލިހުން ފާސްކުރުމުގެ މައްސަލައަށެވެ.

މިހާރުގެ ބިލުގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެ ގޮތުން، އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.