ހޯރަފުށީ އެއާޕޯޓްގެ ބިން ހިއްކަން ކޮންނަ ބޯޓު ގެންގޮސްފި

ހއ. ހޯރަފުށީ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް "ޖައްރާފު 2" ކޮންނަ ބޯޓު މާފިނޮޅަށް މިއަދު ގެންގޮސްފި އެވެ.


އެމްޓީސީސީން ބުނި ގޮތުގައި ހޯރަފުށީ އެއާޕޯޓު ހަދަން ބިން ހިއްކުމަށްޓަކައި، އެ ރަށާ އެއް ފަޅެއްގައި އޮންނަ މާފިނޮޅަށް ގެންދިޔައީ 14 މީޓަރުގެ ފުން ވެލި ނެގުމުގެ ކުޅަދާނަކަން ލިބިފައިވާ ބޯޓެކެވެ.

ހޯރަފުށީ އެއާޕޯޓު ހެދުމަށްޓަކައި މާފިނޮޅު ސަރަހައްދުން މުޅިއަކު 16.78 ހެކްޓަރު ބިން ހިއްކާނެ ކަމަށް އެމްޓީސީން ބުންޏެވެ. ހަތް މަސް ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއު ފުރިހަމަކުރުމަށް 68 މިލިއަން ރުފިޔާ ހޭދަކުރެއެވެ.

ޖުލައި މަހު ބިން ހިއްކުމަށްޓަކައި ހޯރަފުއްޓަށް ގެންދިޔަ "މަހާޖައްރާފު" ކޮންނަ ބޯޓު އެ ރަށު ފަޅުގައި މަހެއްހާ ދުވަހު ބޭއްވުމަށް ފަހު މަސައްކަތް ކުރިއަށް ނުދިއުމުން، ތ. ގުރައިދޫގެ ތަނެއް ހިއްކަން އެ ރަށަށް ގެންދިޔައީ މިދިޔަ މަހު 20 ގަ އެވެ. އެނގިފައިވާ ގޮތުން މަހާޖައްރާފު ބޭނުން ކޮށްގެން ހޯރަފުށީގައި މަސައްކަތް ނުކުރެވުނީ އެ ބޯޓު އަޅާފައި އޮންނަން ޖެހުނު ހިސާބުގެ ސަބަބުންނެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމިން މި ދައުރުގައި ވެވަޑައިގެންފައިވާ ވައުދެކެވެ. އެ ރަށުގެ އުތުރަށް އޮންނަ މާފިނޮޅުގައި ތަރައްގީކުރާ އެއާޕޯޓް ހޯރަފުއްޓާ ގުޅާލަނީ ހިއްކައިގެން ހަދާ މަގަކުންނެވެ.