އިންތިޚާބު މިނިވަން ވާނެ ކަމަކަށް ނުބެލެވޭ: އޭއެންއެފްއާރްއީއެލް

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރާ ބޭރުގެ ބައެއް އޮބްޒާވަރުންނަށް ރާއްޖެ އެތެރެ ނުވެވޭތީ، އިންތިޚާބުގެ މިނިވަން ވާނެ ކަމަށް ނުބެލެވޭ ކަމަށް އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަން (އޭއެންއެފްއާރްއީއެލް) އިން މިއަދު ބުނެފި އެވެ.


އޭއެންއެފްއާރްއީއެލް އިން އެގޮތަށް ބުނީ އިންތިޚާބު އޮބްޒާވް ކުރުމުގެ ހުއްދަ އެ ޖަމިއްޔާ އަށް އިލެކްޝަންސް ކޮމިޝަނުން ދިނަސް، އެ މީހުންނަށް ރާއްޖެ އެތެރެވުމަށް ވިސާ ނުލިބި އޮތުމުންނެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ އެމީހުންގެ އޮބްޒާވަރުންނަށް ރާއްޖެ އެތެރެވުމަށް ވިސާ ނުލިބޭ ކަމަށާއި އަދި ބޭރުގެ އެހެން ބައެއް ނޫސްވެރިން ވެސް ވިސާ ނުލިބި އެބަތިބި ކަމަށެވެ. އެހެންވެ، މިހާރު ކަންކަން ހިނގަމުންދާ ގޮތުން އިންތިޚާބު މިނިވަން ވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެންމެ ފަހުގެ ކަންކަމަށް ބަލާއިރު ސެޕްޓެމްބަރު 23 ގައި ބާއްވާ އިންތިޚާބު މިނިވަން އަދި އިންސާފުވެރި ވާނެ ކަމަކަށް ނުބެލެވޭ." ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން ވެސް އިންތިޚާބު އިންސާފުވެރިވާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން އުޅުއްވާފައިވާ ބޭފުޅަކަށް ވާތީ އެކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ބޭރުގެ އޮބްޒާވަރުންނަށް ވިސާގެ މައްސަލަ ދިމާވެފައިވާތީ އެކަމަށް އިޝާރާތްކޮށް، އެ ބަޔާނުގައިވަނީ އެ މީހުންނަށް އޮބްޒާވް ކުރަން ހުއްދަ ދީފައި އޮތީ އިންތިޚާބު އިންސާފުވެރިކަން ބައިނަލްއަގްވާމީ ފަރާތްތަކަށް ދައްކަން އެކަނި ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެ އެވެ.

މީގެ އިތުރުން އިންތިޚާބުގެ ކަންކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ 19 ފަރާތެއް ހައްޔަރު ކޮށްފައި ވުމާއި ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުތަކުގެ ހަނި ކޮށްފައިވާ މައްސަލަ އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ޕީޕީއެމަށް ނިސްބަތްވާ ފަރާތްތައް ތިބޭ މައްސަލަ އާއި ކޮންމެ ވޯޓު ކަރުދާހެއްގެ ސައްހަ ކަން ގުނުމުގެ ކުރިން ކަށަވަރުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ޖަމްއިއްޔާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އިންތިޚާބު އޮބްޒާވްކޮށް، މޮނީޓާ ކުރަން 64 ފަރާތަކަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނެވެ. އެކަމަކު އޭގެ ތެރެއިން ބޭރުގެ ބައެއް ނޫސްވެރިންނަށް ވެސް ވިސާގެ މައްސަލަ ދިމާވެ، ރާއްޖެ އާދެވޭ ގޮތެއް ނުވެ އެވެ. އިންތިޚާބު އޮބްޒާވްކުރަން ކޮމިޝަނުން ހުއްދަ ދިނަސް، އެ މީހުންނަށް ރާއްޖެ އެތެރެ ވެވޭނީ ބިޒްނަސް ވިސާ ނަގައިގެންނެވެ.

ބޭރުގެ އޮބްޒާވަރުންނަށް ވިސާ ނުދޭ މައްސަލާގައި އޭއެންއެފްއާރްއީއެލް އިން ކަންބޮޑުވުން ފާޅު ކުރިިއިރު، އިމިގްރޭޝަނުން ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް ވިސާ ނުލިބި އޮތީ އެ މީހުންގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުން ކަމަށެވެ.