އިންޑިއާ އިން އިބޫ އަށް މަރުހަބާ ކިޔައިފި

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިންޑިއާ އިން މަރުހަބާ ކިޔައި ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފި އެވެ.


އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި، އިއްޔެ ބޭއްވި އިންތިހާބުން ބޮޑު ތަފާތަކުން އިބޫ ކުރި ހޯއްދަވާފައި ވާތީ އެކަން ފާހަގަކޮށް ބުނީ އިލެކްޝަންސް ކޮމިޝަނުން ވީ އެންމެ އަވަހަކަށް ދާއިމީ ނަތީޖާ އިއުލާނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"މި އިންތިހާބަކީ ހަމައެކަނި، ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ނޫނެވެ. މިއީ ޑިމޮކްރަސީގެ ހަމަތަކާއި ގާނޫނު ނެގެހެއްޓުމަށް ދޭ އިސްކަން ވެސް އަންގައިދިން ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އިންޑިއާ އިން ބުނީ އެ ގައުމުން ގެންގުޅޭ، އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖެއާ އެކު ގުޅުންތައް އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބޫ އަށް 134,616 ވޯޓު ވަނީ ލިބިފަ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ 262,135 މީހުންގެ 89.22 ޕަސެންޓް މީހުން ވަނީ އިންތިހާބުގައި ވޯޓު ދީފަ އެވެ.

އިންޑިއާ އަކީ ޒަމާނުންސުރެ ރާއްޖެއާ އެންމެ ގުޅުން ރަނގަޅު އެއް ގައުމު ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެ އެވެ. އަދި އިންޑިއާ އިން އައީ ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް، ފާޑު ކިޔަމުންނެވެ.