ދެން އޮންނާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި: ޕީޕީއެމް

ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް މުޅި ރާއްޖެ އިން ލިބިވަޑައިގަތް ނާކާމިޔާބީއާ ގުޅިގެން، ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޕީޕީއެމަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން މިއަދު ނިންމައިފި އެވެ.


މިގޮތަށް ނިންމީ، ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ، ޕީޕީއެމްގެ މިސްރާބު ކަނޑައަޅަން، ވަރަށް އަވަހަށް ކޮންގްރެސްއެއް ބާއްވަން ވެސް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެކަމަކު އަދި ތާރީޚު އިއުލާނެއް ނުކުރެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރާއި ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިންގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ބައިވެރިވެވަޑައިގަތެވެ.

"ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ރައީސް ޔާމީން ހަރަކާތްތެރިވެވަޑައިގަންނަވާނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި، އަޅުގަނޑުމެން ތިބޭނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، ގައުމާއި ރައްޔިތުންގެ ފައިދާ އަށް މަސައްކަތް ކުރުމުގައި ޕާޓީ ދެމިއޮންނާނެ،"

އިންތިޚާބުގެ ބަލިގަބޫލުކުރައްވައި، ރައީސް ޔާމީން ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީނާ ވާދަކުރެއްވި، އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

މި ނަތީޖާއާ އެކު އިންތިޚާބު ރައީސް ޔާމީނަށް ގެއްލުނީ، އެމަނިކުފާނު ގައުމަށް ގެނެސްދެއްވި ތަރައްގީގެ މަޝްރޫއުތަކާ އެކު ދެ ވަނަ ދައުރެއް ލިބޭނެ ކަމަށް ޕީޕީއެމުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނިކޮށެވެ. މިހާބޮޑު ތަފާތަކުން ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ސީދާ ސަަބަބެއް ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެ އެވެ.

މޫސާ ޒަމީރު ވިދާޅުވީ، ޕާޓީ އަށް އިންތިޚާބު ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށް އެސެސްމެންޓެއް ހަދާނެ ކަމަށެވެ. ނާކާމިޔާބުވި ސީދާ ސަބަބާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން މާ އަވަސް ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ތަަރައްގީ ލޯމަތީގައި ފެންނަން ހުއްޓައި ރައްޔިތުން ބޭނުންވާ ބަސް އިއްވައިފި އެވެ. އެހެންކަމުން، އެ ނިންމުން ޕީޕީއެމުން ބަލައިގަންނާނެ އެވެ.

"ވަކި ބައެއްގެ ބޮލުގައި ޒިންމާ އަޅުވާކަށް ނެތީމު، ބަލީވީމަ އެ ޒިންމާ ނަގާނަން އަޅުގަނޑުމެން، ޕާޓީން އަޅުގަނޑުމެން ނަގަން. ރައްޔިތުން ކޮންމެހެން ކުށްވެރިކުރުމުގެ މާނައެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ ޒަމީރާއި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ނިހާން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ ރީތި ގޮތަކީ ބަލިވާ ބަޔަކު އެކަން ގަބޫލުކުރުން ކަމަށާއި ޕީޕީއެމަކީ އަބަދުވެސް އެ އުސޫލްގައި ހަރަކާތްތެރިވާނެ ޕާޓީއެކެވެ.

"އަޅުގަނޑުމެން ފަޚުރުވެރިވަން، ޕީޕީއެމާއި ޕީޕީއެމްގެ ސަރުކާރުން މި ދައްކައި ދިނީ ލާމަސީލު މިސާލެއް،" ނިހާން ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި އިންތިޚާބުގައި ފެނިގެން ދިޔައީ، ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަމުން ދިޔައީ ދޮގު ތުހުމަތުތަކެއް ކަމެވެ. މި އިންތިޚާބުގައި ރައީސް ޔާމީން މަކަރު ހަދާނެ ކަމަށް ތުހުމަތު ކުރި ނަމަވެސް އެއާޚިލާފަށް މި އިންތިޚާބުވެގެން ދިޔައީ ރާއްޖޭގައި ބޭއްވި އެންމެ މިނިވަން އިންސާފުވެރި އިންތިޚާބަށް ކަމަށް ވެސް ވިދާޅުވި އެވެ.