12 މެމްބަރުން ރައީސް ޔާމީނަށް: "ބާރު އެ އޮތީ ދައްކާފައި"!

ގާނޫނާ ޚިލާފަށް ގޮނޑި ގެއްލުވާލައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާއި އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ 60،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ދެއްވި "އަނިޔާގެ ބަދަލު" ވޯޓުން އެމަނިކުފާނަށް ދައްކައި ދީފައިވާ ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި އޮތް ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތާ އެކު ކަންކަން އޭރު ނިންމަވަމުން ގެންދެވީ ސީދާ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް ކަމަށް މެމްބަރުން ވިދާޅުވެ އެވެ. އެ މެމްބަރުން އިދިކޮޅާ ގުޅިވަޑައިގަތީ އެކަން ހުއްޓުވަން ޕީޕީއެމްގެ ތެރެއިން ކުރެއްވި މަސައްކަތްތައް ކާމިޔާބު ނުވުމުންނެވެ.

އެ މައްސަލައިގައި އެ މެމްބަރުންނާ ދެކޮޅަށް ޕީޕީއެމުން އެޅި ފިޔަވަޅަކީ، ސުޕްރީމް ކޯޓާއި އިލެކްޝަންސް ކޮމިޝަން (އީސީ) މެދުވެރިކޮށް ގޮނޑި ގެއްލުވާލުމެވެ. އެއީ، ގާނޫނާޚިލާފު ނިންމުމެއް ކަމަށް ބުނެ، އިންސާފު ހޯދަން އަހަރަކަށް ވުރެ ގިނަ ދުވަހު މެމްބަރުން މަސައްކަތް ކުރެއްވި އެވެ. ހައްގު ހޯއްދަވަން އެ މެމްބަރުން ވަޑައިނުގަންނަވާ ދައުލަތުގެ މުއައްސަސާއެއް ނެތެވެ. ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކެވެ. ސަލާމަތީ ޚިދުމަތްތަކުގައި ވެސް މެމްބަރުން "އާދޭސް" ދެންނެވި އެވެ. އެކަމަކު ވެސް އިންސާފެއް ނުލިބުނެވެ.

އެއީ، ގާނޫނާ ޚިލާފު އަމަލެއް ކަމަށް މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، ރައީސް ޔާމީން ވަނީ މެމްބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް، ކެމްޕެއިން ތެރޭގައި، އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފަ އެވެ. ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ އެމަނިކުފާނު ކަމަށެވެ.

އޭގެ ބަދަލު ރައީސް ޔާމީނަށް ދެއްވީ، މި އިންތިޚާބުގެ ވޯޓުން ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެއިން އެއްވެސް ދާއިރާއަކުން ރައީސް ޔާމީނަށް މެޖޯރިޓީ ލިބިވަޑައެއް ނުގަތެވެ.

ރައީސް ޔާމީންގެ މައްޗަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު (އިބޫ) ކުރި ހޯއްދެވީ ޖުމްލަ 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މިވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

"އަޅުގަނޑުމެންގެ 12 މެމްބަރުންނާއި އެ ދާއިރާތަކުގެ ރައްޔިތުންނަށް ދިން ނިކަމެތި ކަމުގެ ބަދަލު އެ އޮތީ ވޯޓުން ދައްކާފައި. އެންމެ ދާއިރާއަކުން ވެސް ރައީސް ޔާމީނަށް މެޖޯރިޓީއެއް ނުލިބޭ،" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި އެވެ.

"ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް ހުރަސް އެޅުއްވީ. އެތައް ހާސް ރައްޔިތުންގެ އަޑު ކަނޑުވާލީ. އަދި އަމިއްލަ އަށް މި ވިދާޅުވަނީ ތިމަން މަނިކުފާނޭ ގޮނޑިތައް ގެއްލުވާލީ. އެއީ، އެއްވެސް ގާނޫނަކުން ރައީސް ޔާމީނަށް ލިބިދީފައި އޮތް ބާރެއް ނޫން ކަން ރައްޔިތުން އެ އޮތީ ބުނެދީފައި."

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ރައްޔިތުންގެ އިހްސާސްތަކެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ކެމްޕޭނަށް ނުވަތަ ރަސްމީ ދަތުރުފުޅެއްގައި ވިޔަސް ރަށު ތެރެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލެއް ނުކުރައްވަ އެވެ. ޝަރަފުވެރިންނާއި ގަދަރުވެރިންނާ އެކު ބާއްވާ ޖަލްސާއަކުން ނިންމާލައްވާފައި އެނބުރިވަޑައިގަންނަވަނީ ރައްޔިތުންގެ ހާލަތު އޮޅުންނުފިއްލަވައި ކަމަށް ވިދާޅުވި އެވެ

"އެހެންވީމަ ރައްޔިތުން ބޭނުންވާ ގޮތް، އިހްސާސްތަކެއް އެނގިވަޑައެއް ނުގަންނަވާ. ރައީސް ޔާމީން ހުރިހާ ކަމެއް ވެސް ކުރައްވަން އުޅުއްވީ، ގަދަބާރު ދައްކަވައި، އޮބިއަޅައިގެން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ވިސްނެވުމާ ދެކޮޅަށް ރައްޔިތުންގެ ހައްގުގައި ނުކުންނެވި 12 މެމްބަރުންނަށް ކުރިމަތި ކުރުވި ދުއްތުރާތަކާއި އުނދަގުލާ އެކު ވެސް ކާމިޔާބީ ހޯދައިދީފައިވާ ކަމަށެވެ. އެ ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި އިތުބާރު ކުރެއްވީ، ލީޑަރުންގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އިބޫ އަށް ކަމަށް ވެސް ވިދާޅުވި އެވެ.

މެމްބަރުންނަށް އެކި ކަންކަން ހުށަހެޅުއްވިއިރު ވެސް ބަދަހިކަމާ އެކު ތިއްބެވީ ރައްޔިތުންގެ ހައްގުގައި އަނިޔާއާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލުވާލައި ދާއިރާތަކަށް ވަމުން ދިޔަ އިހުމާލު ރައްޔިތުންނަށް އެނގޭ ކަމަށެވެ. އިންތިޚާބުގައި ރައީސް ޔާމީނަށް ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނީ އެ ސަބަބުތަކާ އެކު ކަމަށް ވިދާޅުވި އެވެ.

ހަމައެކަނި ވިލިނގިއްޔަށް ބަލާލިއަސް މި އިންތިޚާބުގައި ސަރުކާރުން ދެއްކީ، ސައުދު ވިދާޅުވި ގޮތުގައި، ބާރާއި ނުފޫޒެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ އިތުރުން، އެ ކެމްޕޭންގައި އިސްކޮށް އެ ރަށަށް ފޮނުވާފައި ތިބީ ސަރުކާރުގެ މުއައްސަސާތަކުގެ އިސް ވެރިން ކަމަށް ވިދާޅުވި އެވެ.

"އެ ހުރިހާ ނުފޫޒަކާއި ބާރަކާއި ބިރުދެއްކުންތަކާ އެކު މުޅި ދައުލަތާ ދެކޮޅަށް ވިލިނގިލީގެ ރައްޔިތުން މި އިންތިޚާބު ކާމިޔާބު ކުރީ. އެ ދާއިރާގެ މެމްބަރުގެ ގޮނޑި ގެއްލުވާލައި އެތައް ބަޔަކު ވަޒީފާ އިން ވަކިކުރުމުން ވެސް ފަހަތަކަށް ނުޖެހުނު،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި އެންމެ ބޮޑު ހިތްވަރެއް ދެއްކި އެއް ބަޔަކީ 12 މެމްބަރުން ނިސްބަތްވާ ދާއިރާތަކެވެ.

"ހުރިހާ ދާއިރާއަކުން ވެސް އެ އޮތީ ނޫނެކޭ ބުނެފައި،" ސައުދު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ފަހުން، އެ ދާއިރާގެ މެޖޯރިޓީ އިދިކޮޅަށް ލިބުނީ މި އިންތިޚާބުގައި އެކަނި ކަމަށެވެ. އެހެންކަމުން، އެ ދާއިރާ އާއިި ޖުމްލަކޮށް މުޅި ފުވައްމުލަކުގެ ރައްޔިތުން ވެސް ވޯޓުން ދައްކައިދިނީ ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހޭ ކަން ކަމަށް ވިދާޅުވި އެވެ.

"ގާނޫނީ އިމުން ބޭރުވެ ރައީސް ބޭނުންވާ ގޮތަށް ވެރިކަން ނުކުރެއްވޭނެ ކަން މުޅި ރާއްޖެ އިން މި ބުނެދިނީ. ޚާއްސަކޮށް 12 ދާއިރާގެ ރައްޔިތުންގެ އަޑު ނާއްސަވައި ކަންކަން ކުރެއްވުމުގެ ނަތީޖާ އަކީ ރައީސް ޔާމީން ބޮޑު ބައްޔަކުން ބަލިވުން،" ޝާހް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. ދާދި ފަހުން ޕީޕީއެމުން ވަކިކުރުމުން، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ވެސް ވަނީ، އީސީން ކުރިން އަމަލްކުރި ގޮތުން ނަމަ، "ގެއްލިފަ" އެވެ.