ކޯލިޝަން ދަމަހައްޓަން އެމްޑީޕީގެ އެހީ ބޭނުން: އިބޫ

އިދިކޮޅު ކޯލިޝަން ގުޅިގެން ސަރުކާރު ހިންގެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އެދިވަޑައިގެންފި އެވެ.


އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކުން ކުރި މަސައްކަތުން ކަމަށް ވާއިރު އެ ކޯލިޝަން ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެ އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރެއް އުފެދިގެން އައިސް އަޅުގަނޑުމެންގެ މަސައްކަތްތައް ފެށިގެން ދާއިރު ވެސް ތި ބޭފުޅުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވެގެންދާނެ. މި ކޯލިޝަން ދެމެހެއްޓުމާއި އަޅުގަނޑުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ ގައުމީ މަޖިލީހަކީ ވަރަށް މުހިންމު ބަޔަކަށް ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔަމީން ބޮޑު ތަފާތަކުން ބަލިވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންނާ އެކު ހަދާފައިވާ ކޯލިޝަނުންނެވެ. އާ ސަރުކާރުން ހިންގަން ނިންމާފައިވަނީ އެ ޕާޓީތައް ގުޅިގެންނެވެ.

"މިހާރު މިކަޑައްތު ކުރާ މަރުހަލާ އާއި ސަރުކާރު އެކުލަވާލުމަށް ފަހުގައި ދެން ކުރަން އޮތް ކަންތައްތަކުގައި ވެސް ތިބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ބޭނުންވާނެ ވާހަކަ ދައްނަވާލަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަރުކާރާ ހަވާލުވާން އެކި އިދާރާތަކާ ގުޅިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ވަރަށް ސުލްހަވެރިކޮށް ދައުލަތުގެ މުއައްސަސާތަކާއި ކޯލިޝަން ޕާޓީތަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް އާ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހަގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އދ. ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންނެވި އިބޫ ވިދާޅުވީ ރައްޔިތުންގެ ވާހަކަތަކުން އެނގިވަޑައިގަތީ އިންސާފަށް އެދިއެދި ތިބިކަން ކަމަށެވެ. އަދި އެ ދަތުރުތަކުން ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ފާހަގަވި ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވީ ވައުދު، ރައްޔިތުންނަށް ކޮށްދޭން ބުނި ކަންކަން ކޮށްދިނުމުގައި އެއްބައިވެ ސާބިތުކަންމަތީ އަޅުގަނޑުމެން ތިބޭނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބަށް ތަައްޔާރުވަމުން ދިޔަ އިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިވި ކަމަށާއި ކާމިޔާބުވީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެކީގައި ތިބެ މިކަންތައް ހުރަސްކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި އަމާނާތްތެރިކަމާ ކުރުމަށް އެކީގައި،" އިބޫ ވިދާޅުވި އެވެ.