ފްލައިމީ އަނެއްކާ ވެސް ރާއްޖޭގެ އެންމެ ދެކުނަށް އުދުހެން މަސައްކަތް ކުރަނީ

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ދަތުރުތައް އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.


ފްލައިމީން މީގެ ކުރިން ވެސް އައްޑު އާއި ފުވައްމުލަކަށް ޝެޑިއުލް ދަތުރުތަކެއް ކޮށްފައިވެ އެވެ.

ފްލައިމީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަލުން ދަތުރުތައް ފެށުމުގެ ގޮތުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި "މި ފަހަރު މިކަން ވާނެ" ކަމުގެ އުންމީދު ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ވެސް އަޅުގަނޑުމެން އައްޑު އާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކަށް ވެސް ދަތުރުތައް ބާއްވަން މަސައްކަތް ކުރިން. އެކަމަކު ކަންތައް ދިމާވި ގޮތުން އެ ފުރުސަތު ލިބޭ ގޮތް ނުވީ،" އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު މި ފަހަރު ވަރަށް އުންމީދު ބޮޑު. އަދި ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެން މި ތިބީ މިކަމާ ދޭތެރޭ."

އޮފިޝަލް ވިދާޅުވި ގޮތުގައި ދަތުރުތައް އަލުން ފެށޭނެ ދުވަހެއް ވިދާޅުވާން އަދި ވަރަށް ދައްޗެވެ.

"އަދި ހަމަ ނެގޯޝިއޭޝަންތަކުގެ ވަރަށް އާލީ ސްޓޭޖްގައި އަޅުގަނޑުމެން މި އުޅެނީ." އޭނާ ވިދާޅުވި އެވެ.

ފްލައިމީން އައްޑު އާއި ފުވައްމުލަކަށް މިދިޔަ އަހަރުގެ މެދުތެރޭގައި އަލުން ދަތުރުތައް ފަށަން ރޭވީ އެ އެއާލައިންގެ ފްލީޓަށް ތިން ވަނަ ބޯޓެއް ވެސް އިތުރުވުމާ ގުޅިގެންނެވެ. އެއީ 48 މީހުންގެ ޖާގައިގެ ބޯޓެކެވެ.

"ކޮމާޝަލީ ބަލާ ކަމަށް ވަންޏާ އައްޑު އާއި ފުވައްމުލަކަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދެ ޑެސްޓިނޭޝަން،" އޮފިޝަލް ވިދާޅުވި އެވެ.

"ހަމަ މިއާ އެކު އަޅުގަނޑުމެން ބޭނުންވޭ ރާއްޖޭގެ ހުރި އެހެން އެއާޕޯޓްތަކަށް ވެސް އުދުހެން."

ފްލައިމީގެ ދަތުރުތައް މިހާރު އޮންނަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ.

އައްޑު އާއި ފުވައްމުލަކަށް މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެކަންޏެވެ. ފްލައިމީން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުތައް ބޭއްވި އިރު، ޚިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް އައިކަން ވަރަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. ފްލައިމީގެ ދަތުރުތައް އެންމެ ފުރަތަމަ ދެކުނަށް ބާއްވަން ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.