ރައީސް ޔާމީންގެ 22 މިލިއަން ރުފިޔާގެ މައްސަލައެއް އިންޓަނޭޝަނަލް މީޑިއާގެ ސަމާލުކަމަށް!

ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް، ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.


ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ މައްޗަށް "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓަރީ ހެދި އަލް ޖަޒީރާއިން ފެތުރި ޚަބަރުގައި ބުނެފައި ވަނީ، އިންތިހާބަށް ކުޑަތަން ވެފައި ވަނިކޮށް، ދެ ބުރެއްގެ މަތިން 1.5 މިލިއަން ޑޮލަރު، އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ޚަބަރުގައި އަދަދުތައް ބޭނުންކޮށްފައި ވަނީ ޑޮލަރުން ނަމަވެސް "މިހާރު" އަށް ލިބުނު މައުލޫމާތުތަކުން އެނގެނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރީ ދިވެހި ރުފިޔާ ކަމެވެ. އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ވަގުތުން ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވެސް، އެނގިފައިވެ އެވެ.

އެކަމަކު އެފަދަ މައްސަލައެއް ހުށަހެޅިކަން ނުވަތަ ނޫންކަން އެމްއެމްއޭއިންނާއި ޕޮލިހުން ރަސްމީކޮށެއް ނުބުނެ އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އެފްއައިޔޫ އަކީ މަރުކަޒީ ބޭންކްގައި އޮންނަ މިނިވަން ވަކި ޔުނިޓެއް ކަމަށާއި އެތަނުން ބަލާ އަދި އެހެން ތަންތަނަށް ރިޕޯޓްކުރާ މައްސަލަތަކުގެ ތަފްސީލު ހާމަކުރަން ގާނޫނު ހުރަސް އަޅާ ކަމަށެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފްއައިޔޫ އިން ފުލުހުންނަށް ފޮނުވި ސިޓިއެއްގައި ފާހަގަކޮށްފައި ވަނީ ރައީސް ޔާމީންގެ ނަންފުޅުގައި އެމްއައިބީގައި އޮތް އެކައުންޓަކަށް ސެޕްޓެމްބަރު 5 ގައި ޖަމާކުރި 10 މިލިއަން ރުފިޔާ އާއި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެކެވެ. އެއީ ރިޔާސީ ކެމްޕެއިންނަށް ލިބުނު ފައިސާ ކަމަށް ބުނެފައި ވާތީ، ފުލުހުންގެ ކިބައިން އެދުނީ އެކަން ތަހުގީގުކޮށްދޭން ކަން ވެސް ވަނީ އެނގިފަ އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވަން ހެދި ވަރުގަދަ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ލިބިދީފައިވާ އަދި އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ. ރާއްޖޭގައި މިހާތަނަށް ހިންގި ހިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީ މެދުވެރިކޮށް މާލީ ބޮޑެތި މުއާމަލާތްތައް ކުރަމުން ދާ ކަން ވެސް އެފްއައިޔޫ އަށް ފާހަގަކުރެވުނެވެ. އަދި އޭރުގެ ގަވަރުނަރު ޑރ. އައިޝަތު އަޒީމާގެ ސަމާލުކަމަށް ވެސް އެކަން އެ ޔުނިޓުން ގެނައި ކަމަށް އެދުވަސްވަރު އަޑު ވެސް ފެތުރުނެވެ.

އެއްވެސް އެކައުންޓަކަށް ދުވާލަކު ވަކި އަދަދަކަށް ވުރެ މަތިން ފައިސާ ޖަމާވާ ނަމަ ނުވަތަ ފައިސާގެ މުއާމަލާތްތައް ހިންގާ ނަމަ، އެފްއައިޔޫ އަށް އެނގޭނެ އެވެ. އަދި މަނީ ލޯންޑްރިންއަށް ފެތޭ މުއާމަލާތެއް ކަމަށް ޝައްކުކުރެވޭ ކަންކަން، އެފްއައިޔޫގެ ފަރާތުން ފުލުހުންނަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ރިޕޯޓްކުރުމަކީ، ގާނޫނީ ގޮތުން އެ ޔުނިޓްގެ ޒިންމާއެކެވެ.

އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ވަދެފައި ވުމާ އެކު، އެކަން ބަލަން އެދި އެފްއައިޔޫ އިން ފުލުހުންނަށް ސިޓީ ފޮނުވީ، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިންނެވެ.

އެ މުއާމަލާތްތައް ބަލައިދިނުމަށް އެފްއައިޔޫން އެދުނީ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. ފުލުހުން އޭރު އެ ތަހުގީގު ފަށާފައި ނުވިޔަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އިންތިހާބުގެ ފަހުން އެ ތަހުގީގަށް ފުލުހުންގެ ބައެއް އޮފިސަރުން ބާރު އަޅާފައިވެ އެވެ.

ރައީސް ޔާމީން އިއްޔެ ވަނީ، ފުލުހުންގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުﷲ ނަވާޒު އެ މަގާމުން ވަކިކުރައްވައި، އަހުމަދު ހަމްދޫން، ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.

ރައީސް ޔާމީންގެ 22 މިލިއަން ރުފިޔާގެ މައްސަލަ ފުލުހުންނަށް ފޮނުވި ފަހުން، އެފްއައިޔޫގެ އިސް މުވައްޒަފަކު ވަޒީފާ އިން ކަނޑާލި ކަމުގެ އަޑުތައް އަރާފައި ވިޔަސް، އޭނާ ގެންދަނީ އެމްއެމްއޭއަށް ނުކުންނަމުންނެވެ. އެކަމަކު އޭނާގެ ވަޒީފާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރީ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.