އިންތިޚާބު ބާތިލްކޮށް، ދެފުށް ފެންނަ އިންތިޚާބަކަށް ދާން ޖެހޭ: އަލީ އާރިފް

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރާފައިވާކަން އެނގޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ އިންތިޚާބު ބާތިލްކޮށް، ދެފުށް ފެންނަ އިންތިޚާބަކަށް ރައްޔިތުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް މިރޭ ވިދާޅުވެއްޖެ އެވެ.


އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްވެ ހުންނަވައިގެން އަދި އެ ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން، ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި އަލީ އާރިފް ވިދާޅުވީ، ދެފުށް ފެންނަ އިންތިޚާބެއް އަލުން ނުބާއްވާ ނަމަ ރައްޔިތުންގެ ޝުއޫރުތައް ނުހުއްޓޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ފޯނުން މީހަކާ ދައްކަވާ ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ލީކް ކޮށްފައިވާއިރު، އެ އޯޑިއޯ ވެސް އޮޅުވައިލަން މަސައްކަތް ކުރާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

މިރޭގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަން އެ އޯޑިއޯއިން އެނގޭ ކަމަށެވެ. އެހެންވެ އެ އަށް ޖަވާބުދާރީ ވުމަށް ރައީސް ޔާމީން ގޮވައިލެއްވި އެވެ. އަދި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އެ ބޭފުޅުން ޖަވާބުދާރީ ކުރުވަން އެ ކޮމިޝަނަށް ވެސް ޕީޕީއެމްގެ އިސްބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ އިތުރުން ސުޕްރީމް ކޯޓަށް ގޮސްގެން ނަމަވެސް ހައްގުތައް ހިމާޔަތް ކުރަން ޕީޕީއެމުން ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ގެންދަވަނީ "ވަރަށް ބޮޑެތި އޮޅުވައިލުންތަކެއް" އޮޅުވައިލެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ޝަރީފްއާ ގުޅުން ހުރި އިތުރު އޯޑިއޯތަކާއި ވީޑިއޯތައް ވެސް "އެބަ ނުކުމޭ" ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

"އަދި އިލެކްޝަންސް ކޮމިޝަންގެ [އެހެން] މެމްބަރުން ވެސް އެކި ދިމަދިމާލުގައި ނަގާފައި ހުރި ވީޑިއޯތައް އެބަހުރި. އަޅުގަނޑުމެންނަށް އެބަ ފާޅުވޭ. އެ އެއްޗެހި ހިފައިގެން އިންސާފު ހޯދަން އަޅުގަނޑުމެން ދާނަން،" އޭނާ ވިދާޅުވި އެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މި ފަހަރު ބޭއްވީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އިންސާފު ހޯދުމަށް ޕީޕީއެމާ އެކު ނުކުތުމަށް އަލީ އާރިފް ވަނީ އެމްޑީޕީއަށް ގޮވާލައްވައިފަ އެވެ.