ސަރުކާރުގެ މައްސަލަތައް އަވަހަށް ނިންމާ ގޮތަށް އަޅުގަނޑުގެ މައްސަލަ ވެސް ނިންމައިދީ: ލަތީފް

ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އެ ކޯޓުން ނިންމައިދޭ އަވަސް މިނުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ވެސް ގޮތެއް ނިންމަވައި ދެއްވުމަށް ލަތީފް އެ ކޯޓުގެ ފަނޑިޔާރުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.


ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުމުން، 12 މެމްބަރެއް މަޖިލީހުން ވަކިވެފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައާ ގުޅިގެން އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ އަލުން ފަށައިފަ އެވެ.

އެގޮތުން، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލައިގައި ބޭއްވި އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. ބާކީ ދެން އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލަ އެވެ. މިއަދު ކުރިއަށް ދިޔައީ، ލަތީފްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ފަހު އަޑުއެހުމެވެ.

"އެހެންވެ، އަޅުގަނޑު އެދެނީ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، އިއްޒަތްތެރި ފަނޑިޔާރުންނަށް އަޅުގަނޑު ހުށަހެޅި މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް،" --ލަތީފް
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް އެއްވުމެއްގެ ތެރެއިން ހައްޔަރުކޮށްގެން ގެންދަނީ..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ހުކުމެއް ނުކުރާތީ ދާއިރާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު މަޖިލީހުގައި ދިއްދޫ ދާއިރާގެ އަޑު ކެނޑިފައިވާ ކަން ވެސް ލަތީފް ފާހަގަކުރެއްވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި ދައުލަތުން ނުވަތަ ސަރުކާރުން ހުށަހަޅާ ކޮންމެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅީމަ، ވީހާ ވެސް އަވަހަށް ނިމިގެންދާ ތަން ފެނިފައިވާ ކަމަށެވެ. އެކަމަކު، މެމްބަރުންގެ މައްސަލަތައް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފްގެ މި ވާހަކަތައް މި ގޮތަށް އައި ނަމަވެސް، ސުޕްރީމް ކޯޓުގެ ބެންޗުން ލަތީފްގެ ވާހަކަތައް ނުހުއްޓުވަ އެވެ.

މީގެ ކުރިން، ބޭއްވި އަޑުއެހުންތަކުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާ އިރު، ސުޕްރީމް ކޯޓަށް ބައެއް ބޭފުޅުން ފާޑު ވިދާޅުވާ ނަމަ، ފަނޑިޔާރުން އެކަން ހުއްޓުވާފައި އެބަހުއްޓެވެ. އަދި ބައެއް ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ނިންމުންތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ.

އެހެންވެ، ދައުލަތުން ހުށަހަޅާ މައްސަލަތައް ވީހާ ވެސް އަވަހަކަށް ސުޕްރީމް ކޯޓުން ނިންމާ އުސޫލުން އޭނާގެ މައްސަލަ ވެސް ވީ އެންމެ އަވަހަކަށް ނިންމަވައި ދެއްވުމަށް ލަތީފް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"އެހެންވެ، އަޅުގަނޑު އެދެނީ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު، އިއްޒަތްތެރި ފަނޑިޔާރުންނަށް އަޅުގަނޑު ހުށަހެޅުއްވި މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި އޭނާ ހުށަހެޅުއްވި މައްސަލައިގައި ހުކުމެއް ނައުމުގެ ސަބަބުން އޭނާ އަށް ހިތާމަ އާއި ގެއްލުމާއި ދެރަ ވަނީ ލިބިފަ އެވެ. އަދި ދާއިރާގެ 5000 ރައްޔިތުންގެ ހައްގު ގެއްލި، އެ ދާއިރާގައި ސަރުކާރުން ހިންގި ޕްރޮޖެކްޓުތައް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ލަތީފަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކާމިޔާބު ލިބިގެންދާނީ އޭނާއާ އެއްކޮޅަށް މި މައްސަލަ ސުޕްރީމް ކޯޓުން ނިމިގެން ދިއުމުން ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް ލަތީފް ވަނީ ކޯޓުގެ ފަނޑިޔާރުންނަށް އާދޭސް ދަންނަވައިފަ އެވެ.

ލަތީފްގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާއި އެޓާނީ ޖެނެރަލްގެ ވަކީލުންގެ ފަރާތުން އިތުރު ވާހަކައެއް ދައްކަވަން ނެތުމުން، އުއްތަމަ ފަނޑިޔާރު ވަނީ ލަތީފްގެ މައްސަލައިގައި އަޑުއެހުންތައް ނިންމާލިކަން އިއުލާން ކުރައްވައި، އެ މައްސަލައިގައި ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ހުކުމް ކުރާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.

ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އޭރުގެ ފުލް ބެންޗުން މީގެ ކުރިން ބާއްވާފައިވެ އެވެ. އަދި އެ މައްސަލަ ބަލައި ނިންމިކަން ވެސް އޭރު ކޯޓުން އިއުލާންކުރި އެވެ. ނަމަވެސް އެ މައްސަލަތައް ހުކުމަކާ ހަމައަށް ނުގޮސް، ދިގުލައިގެން ވަނީ ގޮސްފަ އެވެ.

ނަމަވެސް ފެބްރުއަރީ 1 ގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ބައެއް ކުށްވެރިން ދޫކުރަން އަންގައި ނެރުނު އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ އެއް ދައުވާ ސާބިތުވެ، މަގާމުން ވަކިވުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.

އެހެންވެ، މިއީ އެ މެމްބަރުންނާ މެދު ހުކުމެއް ކޮށްފައި ނުވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.