މާލެ ނޫން ތަނެއްގައި ދިރާގު ރޯޑް ރޭސް ބާއްވަން ވިސްނުމަށް ފުލުހުން އެދިއްޖެ

އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ކޮންމެ އަހަރަކު އެއް ފަހަރު ދިރާގުން ބާއްވާ ރޯޑް ރޭސް މާލެ ނޫން އެހެން ތަނެއްގައި ކުރިއަށް ގެންދިއުމާ މެދު ވިސްނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.


ފުލުހުން މިގޮތަށް އެދުނީ، ރޯޑު ރޭހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ދިރާގުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ގިނަ ބަޔަކު ބައިވެރިވާ ދިރާގު ރޯޑް ރޭސް ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާއިރު، ރޭސް އޮންނާނެ ތާރީހެއް އެ ކުންފުނިން އަދި އިއުލާނެއް ނުކުރެ އެވެ. ކުޅިވަރުގެ ބައެއް މީހުން ލަފާކުރަނީ، މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ރޭސް އޮންނާނެ ކަމަށެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ މިއަދުގެ ބައްދަލުވުމުގައި ފުލުހުން އެދިފައި ވާނީ، ހުޅުމާލެ ނުވަތަ އެހެން ކޮންމެ ވެސް ރަށެއްގައި ރޯޑް ރޭސް ކުރިއަށް ގެންގޮސްދިނުމަށެވެ. ރޯޑް ރޭހުގެ ސަލާމަތީ ކަންކަން ބަލަހައްޓައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށް ވެބްސައިޓުގައިވެ އެވެ.

ފުލުހުން ބުނީ މާލޭގެ މަގުތައް ތޮއްޖެހިފައިވާއިރު، މަގު ބަންދުކުރުމުން ހިނގާ ބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރަން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާތީ، އެފަދަ ކަންކަން މަދުކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ބަންދު ދުވަސްތަކުގައި މާލޭގެ މަގުތައް ތޮއްޖެހޭ ގޮތަށް އަދި އާއިލާތަކަށް ބޭރަށް ނުކުމެ އުޅެން ލިބޭ ފުރުސަތު ހަނިވާ ގޮތަށް ކަންކަން އިންތިޒާމް ނުކުރަން ފުލުހުން ކަމާއި ބެހޭ ހުރިހާ ފަރާތްތަކުގައި އެދެމުން އަންނަ ކަމަށް ވެސް ވެބްސައިޓުގައިވެ އެވެ.

ދިރާގު ރޯޑް ރޭސް މާލެ ނޫން ތަނެއްގައި ބާއްވަން ވިސްނުމަށް ފުލުހުން އެދުނުއިރު، މަގުތަކުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ވެސް ފުލުހުން ހުއްދައެއް ނުދެ އެެވެ.