މޯދީ، މައުމޫނަށް ގުޅުއްވައި ހިތްވަރު ދެއްވައިފި

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފި އެވެ.


މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މަނިކުފާނާ މެދު މޯދީ ގެންގުޅުއްވާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއަށް މޯދީ ދެއްވާ ސަޕޯޓާއި އެއްބާރުލުން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވީ ނަމަވެސް، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި މޯދީ ހިމެނިވަޑައިގަންނަވަ އެވެ.

އަދި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އިބޫ ވަނީ މޯދީއަށް ދައުވަތު ދެއްވާފަ އެވެ.

އިބޫއަށް ފޯނުން ގުޅުއްވައި މޯދީ ދެއްކެވި ވާހަކައިގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެފައިވާކަން ފާހަގަ ކުރައްވައި، އިބޫގެ ވެރިކަމެއްގައި، އެ ގުޅުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގެ ޔަގީންކަން، އިންޑިއާގެ ބޮޑުވަޒީރަށް އިބޫ ދެއްވި އެވެ.

"އަޅުގަނޑު (މޯދީއަށް) ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" މޯދީއާއެކު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އިބޫ ވިދާޅުވެފައި ވެ އެވެ.

މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. އަދި މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށް ފަހު، އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މައުމޫން، ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަން ކުރީ، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިިދިޔަ ޖުލައި މަހު ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ކުރީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި އުފުލި ދައުވާގަ އެވެ.