ސަރުކާރުގެ ޕްރޮފެޝަނަލް ބޭފުޅުންނަށް 1،500 ހައުސިން ޔުނިޓް އަޅަނީ

ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ބޭފުޅުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި 1،500 ހައުސިން ޔުނިޓް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅާ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމަނައިގެން ޕްރޮފެޝަނަލް ބޭފުޅުންނަށް ހައުސިން ޔުނިޓްތައް އަޅަން ނިންމީ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އެކަމަކު އެ ހައުސިން ޔުނިޓްތައް ދޫކުރާނީ ކޮން ބަޔަކަށް ކަމެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 15،000 ފްލެޓް އަޅަން ވަނީ ނިންމައިފަ އެވެ. އެ ފްލެޓްތައް އަޅަން ބޭރުގެ ފަސް ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ ހައުސިން ޔުނިޓްތައް ނިމޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދެ އެވެ.

ހުޅުމާލޭގައި އަޅާ ގިނަ އަދަދެއްގެ ފްލެޓްތަކާ އެކު ބޯހިޔާވަހިކަމުގެ އަގު ހެޔޮވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.