އަޅުގަނޑު ދޮގު ހެދި ކަމަށް ވިދާޅުވާން ޖެހޭނީ ގަވަރުނަރު: މުއާޒް

ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުތަކެއް ކޮށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހެޅި މައްސަލަ އަނބުރާ ނެގި ކަމަށް ވިދާޅުވެ އޭނާ ހެއްދެވީ ދޮގެއް ނަމަ، އެހެން ވިދާޅުވާން އެންމެ ސައްހަކަން ބޮޑީ، ގަވަރުނަރު އަހްމަދު ނަސީރު ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.


އެފްއައިޔޫ އިން ފުލުހުންނަށް ފޮނުވީ ރައީސް ޔާމީންގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް ދެ ދުވަހެއްގެ މަތިން 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ އެކެވެ. އެ ސިޓީގައި ބުނެފައި ވަނީ، ރައީސް ޔާމީންގެ އެކައުންޓަކަށް ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އާއި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އެއީ ރިޔާސީ ކެމްޕެއިނަށް ލިބުނު ފައިސާ ކަމަށް ބުނެފައި ވާތީ، ފުލުހުންގެ ކިބައިން އެދިފައި ވަނީ އެކަން ތަހުގީގުކޮށްދޭށެވެ.

އެމްއެމްއޭގެ ގަވަރުނަރާ އެކު ފޯނުން ދެކެވުނު ވާހަކަތަކަކަށް ފަހު، މައްސަލަ އަނބުރާ އެމްއެމްއޭ އިން ނެގި ކަމުގެ ޔަގީންކަން ގަވަރުނަރު، ރައީސް ޔާމީނަށް ދެއްވި ކަމަށް މުއާޒް އިއްޔެ ވިދާޅުވި އެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ އޭނާ އަށް އެނގިވަޑައިގެން ނޫން ކަމަށް ވެސް ގަވަރުނަރު ރައީސް ޔާމީނަށް ދެންނެވި ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

އެކަމަކު، ތަހުގީގީ އެކި އިދާރާތަކަށް ފޮނުވި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް އެފްއައިޔޫ އިން ރޭ ވަނީ ބުނެފަ އެވެ.

މިއާއެކު، ރައީސް ޔާމީން ދިފާއުކުރައްވަން އެމްއެމްއޭގެ ނަމުގައި މުއާޒް ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރެއްވީ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އޭނާ އަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ދެކެވުނު ވާހަކަތަކެއް. އެހެންވީމަ، އަޅުގަނޑު ހެދީ ދޮގެއް ކަމަށް ވިދާޅުވާން، އެންމެ ސައްހަކަން ބޮޑީ ގަވަރުނަރު،" މުއާޒް "މިހާރު" އަށް ވިދާޅުވި އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ މުއާޒް ވާހަކަ ދައްކަވަނީ: -- މިހާރު ފައިލް ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި އެފްއައިޔޫގެ ތަރުޖަމާނަކު މީޑިއާ އަށް އަރުއްވައި ބަޔާނެއް އިއްވުމަކުން ހައިރާންވެވަޑައި ނުގަންނަވަ އެވެ. އެއީ، ކިހިނެއް ހިނގައިދިޔަ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވައި، އެއީ ނުފޫޒުން އިއްވި ބަޔާނެއް ކަމަށް މުއާޒް ތުހުމަތު ކުރެއްވި އެވެ.

"މިހާތަނަށް، އެމްއެމްއޭގެ ގަވަރުނަރު އަޅުގަނޑު ދެއްކި ވާހަކަތައް ދޮގުކޮށްފައެއް ނުވޭ،" މުއާޒް ވިދާޅުވި އެވެ.

އެފްއައިޔޫގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް މާލީ ގޮތުން ވާ އެހީތަކާއި ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ރާއްޖޭގެ ތަހުގީގީ އިދާރާތަކަށް ހިއްސާކުރުމުން، އެ މައުލޫމާތު ބޭނުންކުރުމަކީ، ގާނޫނުން އެ ފަރާތްތަކަށް ލާޒިމް ކަމެކެވެ. އެ ގޮތަށް އެ ބުނީ، ބެލެވޭ ގޮތުގައި، ފުލުހުންނަށް އެ ޔުނިޓުން ފޮނުވާ މައުލޫމާތުތައް ވެސް ތަހުގީގުކުރަން ޖެހޭނެކަން، ހަނދާންކޮށްދިނުމަށެވެ.

މުއާޒް ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ތުހުމަތު ކުރެއްވި މައްސަލައިގައި، އެމަނިކުފާނުގެ އަބުރުފުޅާ ގުޅުން ހުރި ގޮތަށް ވާހަކަތަކެއް ދެކެވޭތީ، އެކަން ބައްލަވައިދެއްވަން ރައީސް ޔާމީން ގަވަރުނަރުގެ ކިބައިން އެދިވަޑައިގަތް ކަމަށެވެ.

"ރައީސް އެދިވަޑައިގަތުމުން އެމްއެމްއޭގެ ގަވަރުނަރު ޔަގީންކަން ދެއްވާފައި ވަނީ އެފަދަ ސިޓީއެއް ދިޔަ ކަމަށާއި އެހެން ނަމަވެސް އޭގައި ތުހުމަތުކޮށްފައި ހުރި އެއްވެސް ބާވަތެއްގެ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ހުރި ކަމުގެ މައުލޫމާތެއް ނޫން ކަމަށް. އެހެންވެ އެ މައްސަލަ އަނބުރާ [ޕޮލިހުން] ގެންދަވާފައިވާ ކަމަށް ވިދާޅުވި،" ގަވަރުނަރަށް ނިސްބަތްކުރައްވާ މުއާޒް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން "މިހާރު"ން ނަސީރާ ގުޅުމުން އޭނާ އިއްޔެ ވިދާޅުވީ އެފްއައިޔޫ އިން ބަލާ އެއްވެސް މައްސަލައެއްގެ މައުލޫމާތު ހާމަނުކުރާތީ ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އެކަމަކު އެމްއެމްއޭ އިން މި މައްސަލައިގައި ނެރުނު ބަޔާނުގައި ބުނީ، މަނީ ލޯންޑަރިންއާ ބެހޭ ގާނޫނާ ހަވާލާދީ، ބުނީ އެފްއައިޔޫގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމާނީ ސީދާ އެ ޔުނިޓުން ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް 22 މިލިއަން ރުފިޔާ ޖަމާކުރީ، ޕީޕީއެމުން މިހާރު ބުނާ ގޮތުގައި، ރިޔާސީ އިންތިހާބަށް ހޭދަ ކުރުމަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފައިސާ ޚަރަދު ކުރެއްވުމުގައި، ރައީސް ޔާމީން ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގަވާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރާ ފައިސާ އެ ކެންޑިޑޭޓެއްގެ ނަމުގައި ވަކި އެކައުންޓެއް ހުޅުވާ އެ އަށް ޖަމާކުރަން ޖެހެ އެވެ.