ރައީސް ޔާމީން ހުންނެވީ އަމާން ދޭ ގޮތަކަށް ނޫން: ޕީޕީއެމް

މިދިޔަ މަހުހެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވައިލި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގައި ރައީސް އަބްދުﷲ ޔާމީން ހުންނެވީ، އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.


ވެރިކަން ކުރާ ޕާޓީން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަވަމުން، ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ވަރަށް ހިތްވަރުފުޅާ އެކު ކަމަށެވެ. އަދި އެ މަނިކުފާނަކީ، ރައްޔިތުންގެ ހައްގުތައް މި ގޮތަށް ގެއްލިގެންދާ ކޮންމެ ފަހަރަކު، އެ ހައްގުތައް ހޯދައިދިނުމަށް އެންމެ ވަރުގަދަ އަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއްކަން ތާރީޚު ހެކި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނަށް އެނގިވަޑައިގަންނަވާ، އެ މަނިކުފާނަށް ހުރި ޕްރެޝަރުތައް. ދިމާވެދާނެ ގޮންޖެހުންތައް. އެ އަށް ބެއްލެވުމެއް ނެތި، ސާބިތުކަމާ އެކު ހުންނެވި ވާހަކަ އަޅުގަނޑު ދަންނަވަން،" ޕީޕީއެމްގެ މެމްބަރުންނާއި ގައުމަށް ހެޔޮއެދޭ އެންމެންނަށް ދެއްވާ މެސެޖެއްގެ ގޮތުގައި، ޚަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި، ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންތިޚާބުގައި ބޮޑުތަފާތަކުން ބަލިވި ނަމަވެސް ރައީސް ޔާމީން ގެންދަވަނީ، އިލެކްޝަންސް ކޮމިޝަނަށް ބައެއްގެ ނުފޫޒު ފޯރާފައިވާ ކަމަށާއި އެ މަނިކުފާނަށް އެ އަށް ވުރެ ގިނަ ވޯޓު ލިބެން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ. އަދި އިންތިހާބުގެ ތެރޭގައި އޮޅުވާލާފައި ހުރި ކަންކަން، ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ވިދާޅުވެ، އެކަމާ ދެކޮޅަށް ޕީޕީއެމުން ކުރި މުޒާހަރާއެއް ގައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ބައެއް އިސްވެރިން ވެސް ދަނީ، ވޯޓު އޮޅުވާލާފައިވާ ބުނެ، އިންތިޚާބު ބާތިލް ކުރަންޖެހޭނެ ކަމަށް ގޮވާލަމުންނެވެ. އަދި އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އެ ޕާޓީގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް ވިދާޅުވިގޮތުގައި، އޮޅުވާލައިގެން އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ވެރިކަން ޖާއިޒު ނުވާނެ އެވެ. އެ ވާނީ ހަރާމް ވެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭނީ އެ ބޭފުޅަކަށް ހައްގު އަދި ޖާއިޒު ވެރިކަމެއް ކުރާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، އޮޅުވާލައިގެން އަންނަ އިންތިޚާބެއްގެ ތެރެއިން އަންނަ ބޭފުޅަކީ އެއްގޮތަކަށް ވެސް ޖާއިޒް ވެރިކަމެއް ކުރާނެ މީހެއް ނޫން. އެ ބޭފުޅާގެ [ވެރިކަމުގެ] ސައްހަކަން ނެތުމާއެކު ކުރާ މަސައްކަތްތައް ވެސް ރަނގަޅަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގައި ރައްޔިތުންގެ ހައްގަކަށް އަރައިގެންފައިވާ ނަމަ އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށާއި އެކަން ހިނގައި ދިޔަގޮތް، އިލެކްޝަންސް ކޮމިޝަނުން ވެސް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި ހައްގަކަށް އަރައި ގަނެވި، ކުށެއް ކުރެވިފައިވާ ނަމަ އެ ކަން ރައްޔިތުންގެ ކުރިމަތީގައި ހާމަކޮށް، އެ ކޮމިޝަނުން އިސްލާހުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ކުށްތަކެއް ކުރެވި، އެވެނި ގޮތަކަށް، މިވެނި ގޮތަކަށް ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ބުނުމަކީ ލަދުވެތިކަމެއް ނޫން. އެކަމަކު އެއީ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ޕީޕީއެމުން ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށް، ދާން ޖެހުނު ކޮންމެ ތަނަކަށް ދާނެ ކަމަށެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކު އެވެ.