ރިޔާސީ އާ ދައުރުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން: އެމެރިކާ

މިިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހަައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން މިއަދު ބުނެފި އެވެ.


އެ ގައުމުގެ ސެކެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ، އިންތިޚާބީ ރައީސް އިބޫ އަށް ގުޅުއްވައި ވަނީ މަރުހަބާ ދަންނަވައިފަ އެވެ. އަދި ބާރުތައް ބަދަލުވުމުގެ މަރުހަލާއާ ގުޅޭގޮތުން ވެސް ވަނީ އެ ދެ ބޭފުޅުން މަޝްވަރާކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ އިބޫއަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައި ވެ އެވެ.

އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ.