ކުރީގެ ނައިބު ރައީސް ޖަމީލް ރާއްޖެ ވަޑައިގެންފި

އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވަމުން އައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.


އެމަނިކުފާނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދާއި އަދާލަތު ޕާޓީގެ ބައެއް އިސްބޭފުޅުން އަދި ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.

މީގެ ފަސް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސް ދައުރެއް އަދާކުރެވި އަދި އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ޖަމީލް ރާއްޖެ ވަޑައިގަތީ އާއިލާއާ އެކު، ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. ޖަމީލް އިނގިރޭސި ވިލާތުގައި އަރުވާލެވިގެން އުޅުއްވީ ބޭސްފަރުވާ އަށް ސްރީ ލަންކާ އަށް ވަޑައިގެންނެވި ގޮތަށެވެ.

ޑރ. ޖަމީލް މިއަދު ރާއްޖެ ވަޑައިގަތުމުން، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖަމީލް ވަނީ 2013 ގެ ރިޔާސީ ކެމްޕޭންގައި ޔާމީންގެ ރަނިންމޭޓުގެ ހައިސިއްޔަތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެން، ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވައިފަ އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވެ ސަރުކާރު ތެރޭގައި ހިނގާ ބައެއް ކަންކަމާ ހިތްހަމަޖެހިވަޑައިނުގަތުމުން، ޖަމީލް ބެހެއްޓީ އެއް ކައިރިކޮށްފަ އެވެ.

ނައިބު ރައީސް ކަމަށް ވަޑައިގެންނެވިތާ، ދެ އަހަރު ފަހުން، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވައްދައި ނައިބު ރައީސްގެ މަގާމުން ވަކި ކުރި އެވެ. އެކަމަކު، އެއީ ގާނޫނުއަސާސީއާ ހިލާފަށް ނެގި ވޯޓެއް ކަމަށް ޖަމީލް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ޖަމީލް މިއަދު ރާއްޖެ ވަޑައިގަތުމުން، އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޖަމީލް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަމީލްގެ މައްސަލަ ފުލުހުން ދިޔައީ ބަލަމުންނެވެ. އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭރު ޖަމީލް އެނބުރި ރާއްޖެ ވަޑައިގެންނެވި ނަމަ ނިންމާފައި އޮތީ ހައްޔަރުކުރާ ގޮތަށެވެ. އެގޮތުން، 2016 ގެ އޮގަސްޓް މަހު އެމަނިކުފާނު ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ނެރުނެވެ.

ޖަމީލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ޖަރުމަނުގެ ފްރެންކްފާޓްގައި މިދިޔަ ފެބްރުއަރީ 2 ގަ އެވެ.

ޑރ. ޖަމީލަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި، ޖޭޕީގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖަމީލް ރާއްޖެ ވަޑައިގެންނެވި އިރު، އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު، ގާސިމާއި 2015 ގައި އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އަލީ ވަހީދު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މާލެ ވަޑައިގެންފަ އެވެ.