އިންތިގާލީ މަރުހަލާގައި އެހީތެރި ނުވަނީ ހައުސިން މިނިސްޓްރީން: އަސްލަމް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެއްބާރުލުން ނުލިބެނީ ހައުސިން މިނިސްޓްރީން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


ހައުސިން މިނިސްޓްރީއާ ގުޅޭ ބައެއް މައްސަލަތައް އޭސީސީގެ މެމްބަރުންނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހައުސިން މިނިސްޓަރީން އަމަލު ކުރަމުން ގެންދަނީ ވަރަށް ނާތަހުޒީބު ގޮތަކަށް ކަމަށެވެ.

ހުރިހާ މިނިސްޓްރީތަކާ ބައްދަލު ކުރަމުން ގެންދާއިރު ހައުސިން މިނިސްޓްރީއާ ބައްދަލު ކުރުމަށް އެދުމުން ޑރ. މުހައްމަދު މުއިއްޒަށް ވަގުތެއް ދެވޭނީ ބުދަ ދުވަހުގައި ކަމަށް އަންގާފައިވާ ކަމަށެވެ. މިނިސްޓަރާ ބައްދަލު ކުރަނީ ޕްރޮޓޮކޯލް ފުރިހަމަ ކުރުމަށް ކަމަށާއި ބައްދަލު ކުރަން ބޭނުންވަނީ އެތަނެއްގެ އިސް މުވައްޒަފުންނާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު މުއިއްޒަށް އަވަސް މުއްދަތެއްގެ ތެރޭގައި ވަގުތު ދެވެން ނެތް ނަމަ އެ ބައްދަލުވުން ފަހަށް ބާއްވައި އެ މިނިސްޓްރީގެ އިސް މުވައްޒަފުންނާއި ބައްދަލު ކުރެއްވުމަށް އެދުމުން އެކަންވެސް ނުކޮށްދެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް އެއްބާރުލުން ނުދެއްވަން އުޅުއްވާތަން [ހައުސިން މިނިސްޓްރީގެ ފަރާތުން] އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެއްވެސް ގޮތަކަށް ތަހުޒީބު ގޮތަކަށެއް ނޫން މިކަން މިދަނީ،" އަސްލަމް ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީ މިއީ މިހާތަނަށް އަޅުގަނޑުމެންނަށް އެތަނަކަށް ނުވަދެވި އޮތްތަން. އަޅުގަނޑުމެން މިދިޔަ ބުރާސްފަތި ދުވަހު އެމިނިސްޓްރީ އަށް ވަންނަން ވާނީ އެދިފައި."

ހޯދަން ބޭނުންވާ މައުލޫމާތު މިހާރު އެމިނިސްޓްރީގެ ސިވިލް ސާވެންޓުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ސިވިލް ސާވެންޓުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވި ނަމަވެސް ހުއްޓުމެއްނެތި ސަރުކާރު ކުރިއަށް ގެންދިއުމަށް މި ދަނޑިވަޅުގައި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ ކުއްލި ގޮތަކަށް ހުޅުމާލެއިން ބިން ވިއްކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އޭސީސީން ވަނީ އެކަން ހުއްޓުވާފަ އެވެ.

އިންތިގާލީ ކޮމެޓީތަކުން ދައުލަތުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ މެނޭޖްމެންޓާވެސް އަންނަނީ ބައްދަލު ކުރައްވަމުންނެވެ. އެ ބައްދަލުވުންތަކަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.