އޭޑީކޭގެ ފްރީ މެޑިކަލް ކޭމްޕެއް އައްޑޫގައި ބާއްވަނީ

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގެ މެޑިކަލް ކޭމްޕެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.


މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 13 އާއި 14 ގައި ހިތަދޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގަ އެވެ. އޭޑީކޭ އިން ބުނި ގޮތުގައި ހިލޭ ޓެސްޓްތައް ހެދޭ ގޮތަށް ކުރި އަށް ގެންދާ މެޑިކަލް ކޭމްޕްގެ ތެރޭގައި މެޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދޭނެ އެވެ.

މެޑިކަލް ކޭމްޕްގައި އޭޑީކޭގެ ތަޖުރިބާކާރު ތިން ޑޮކްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނެޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ މެޑިކަލް ކޭމްޕުން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އެޗްއާރްއެޗަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ ކަމަށެވެ.

އޭޑީކޭގެ ޓްވީޓް.

"އަޅުގަނޑުމެންގެ ޓާގެޓަކީ ކޭމްޕް ކުރި އަށް ދާ ދެ ދުވަހު ވީހާ ވެސް ގިނަ ބަޔަކަށް ހިދުމަތް ދިނުން. މި ފަހަރު ކޭމްޕް ހާއްސަކޮށްފައި މި ވަނީ ހިތާއި މޭގެ ބަލިތައް ހުންނަ މީހުންނަށް ކަމަށްވާތީ، އައްޑޫގައި ތިބި މިފަދަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

މިއީ އައްޑޫގައި މެޑިކަލް ކޭމްޕެއް އޭޑީކޭ އިން ބާއްވާ ފުރަތަމަ ފަހަރެވެ. އައްފާލް ވިދާޅުވީ ކުރިމަގުގައި އިތުރު އެހެން ބަލިތަކަށް ހާއްސަކޮށްގެން ވެސް މެޑިކަލް ކޭމްޕްތައް ބާއްވާނެ ކަމަށެވެ.

"އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މުސްތަގުބަލުގައި މިފަދަ ކޭމްޕްތައް ބާއްވަން އޭޑީކޭ އިން މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ. "މީގެ އެންމެ ބޮޑު އެއް ބޭނުމަކީ އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތައް ފުޅާ ވެސް ވަމުން އަންނާތީއާ އެކު، އެކިއެކި ބަލިތަކަށް މިހާރު ރަނގަޅަށް ފަރުވާ ކުރެވެން ހުރިކަން ރައްޔިތުންނަށް އަންގައި ދިނުން."