އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އިސްވެރިއަކު މި ހަފުތާގައި ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދު ތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް މި ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނީ މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އެލައިސް ކުރައްވާ ދަތުރުފުޅަކީ ސްރީ ލަންކާ އާއި ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެލައިސް ރާއްޖެއަށް ވަޑައިގެން، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ ބައްދަލު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

މީގެެ އިތުރުން އެމެރިކާ އާއި ރާއްޖެއާ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް އެލައިސް މަޝްވަރާކުރާނެ ކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ.

ކުރިން އެމެރިކާ އިން ޖޯޑަން އަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު އަދާކުރި އެލައިސް ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އަހަރު އެވެ. އެ މަގާމަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށްވާ ސެކެޓްރީ އޮފް ސްޓޭޓްގެ ސީދާ ބެއްލެވުމުގެ ދަށުން އޮންނަ މަގާމެކެވެ.

އެލައިސް މި ހަފުތާގައި ރާއްޖެ ވަޑައިގެން އިބޫއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވެސް މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެކި ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ގެންދަވަނީ އިބޫއާ ބައްދަލު ކުރައްވަމުންނެވެ.

އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން އެމެރިކާ އާއި ޗައިނާ އާއި ރަޝިއާ އާއި އިންޑިއާގެ އިތުރުން ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ.