ލަތީފްގެ ގޮނޑި ވެސް ސަލާމަތްވެއްޖެ

ރައްޔިތުންގެ މަޖިލީހުުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ލަތީފްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުންނެވެ. އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވިފައިވާ ލަތީފްގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމީ އޭނާ ޕީޕީއެމްގައި ހުންނެވުމަށް ފަހު، އެ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުމުންނެވެ. ލަތީފަކީ ހުކުމުގެ ކުރިން ޕާޓީން ވަކިވި މެމްބަރެއް ކަމަށް ވިޔަސް، ކޮމިޝަނުން ގަބޫލުކުރީ އޭނާ ވަކިވީ ހުކުމުގެ ފަހުން ކަމަށެވެ.

ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ލަތީފްގެ ފަރާތުން ހުށަހެޅި މައްސަލާގައި އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުގެ އިއްތިފާގުންނެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ލަތީފް ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައި އޮތުމުން، އޭނާ އެ ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާ ކަން އެނގޭ ކަމަށެވެ. އަދި އޭނާ ވަކިވެވަޑައިގަންނަވަން އެދި ފޮނުއްވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިފައި އޮތް ކަމާ މެދު އެ ކޮމިޝަނުން އިންކާރު ކޮށްފައި ނެތްއިރު، އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމީ އެ ހުކުމުގެ ކުރިން ހިނގާފައި އޮތް ކަމަކާ ގުޅިގެން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް، ސުޕްރީމް ކޯޓުން ކުރި ހުކުމުގެ އުސޫލުތަކަކީ އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ހިނގާނެ އުސޫލުތަކެއް ނޫން ކަމަށް އެ ހުކުމަށް ފަހު، އެ ކޯޓުން ނެރުނު އަމުރެއްގައި ބަޔާން ކޮށްފައިވާ ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ހުކުމުގެ އުސޫލުތައް ލަތީފްގެ މައްސަލައަށް ނުހިނގާނެ ކަމަށެވެ.

މީގެ އިތުރުން، ލަތީފް ޕާޓީން ވަކިވެފައި ވަނިކޮށް، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ލަތީފް ސޮއި ކުރެއްވުމަށް ފަހު، އެ ސޮއި އަނބުރާ ނުގެންދެވި މައްސަލާގައި ލަތީފް ޕާޓީން ވަކިކުރަން ޕީޕީއެމުން ނިންމިޔަސް، އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ނިންމި ނިންމި ނިންމުމެއް ނޫން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ލަތީފް ޕާޓީން ވަކިވާން ސިޓީ ފޮނުވާފައި އޮތް ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މެމްބަރަކު ޕާޓީން ވަކިވީ ކަމަށް ބެލޭނީ ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނި ކުރުމުން ކަމަށް ޕާޓީތަކުގެ ގާނޫނުން އެނގޭކަށް ނެތެވެ.

މީގެ އިތުރަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިގޮތުގައި، މިދިޔަ މާޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުސޫލުތައް ވެސް، އެ ކޯޓުން ކުރިން ހުކުމްކުރި ތާރީޚު ކަމަށް ޖުލައި 13 އާ ހަމައަށް ހިނގާނެ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައި އޮތަސް، ލަތީފްގެ މައްސަލައަކީ އެ ގާނޫނުގެ އުސޫލުތަކުގެ ތެރެއަށް ވެސް ވަންނާނެ މައްސަލައެއް ނޫނެވެ.

އެކަންކަން ފާހަގަ ކުރައްވައި، ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލަތީފްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރާ ކަމަށާއި އަދި ލަތީފްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން އިދިކޮޅާ ގުޅުނު އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

އެ މައްސަލަތައް ހިނގަމުން ދަނިކޮށް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ނިިންމި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، 12 މެމްބަރުންނާ މެދު ގޮތެއް ނިންމާނީ އެ ކޯޓުން ކަމަށް ކަނޑައެޅި އެވެ.