ބާކީ ތިބި މެމްބަރުންގެ ގޮނޑި ލިބޭނެ ކަމުގެ އުއްމީދު އެބައޮތް: ހިސާން

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ފަހު، ބާކީ ތިބި އަށް މެމްބަރުންގެ ގޮނޑި ވެސް ސަލާމަތްވާނެ ކަމުގެ އުއްމީދު ލިބިފައިވާ ކަމަށް ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.


ހިސާން އެގޮތަށް ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ހިސާން ވިދާޅުވި ގޮތުގައި މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކުރި ތާރީޚު ކަމަށްވާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ އުސޫލުތައް ނުހިނގާނެ ކަމަށް މިއަދުގެ ހުކުމުން ވެސް ވަނީ ސާފުވެފަ އެވެ. މިހާތަނަށް މައްސަލަ ނުނިމި ތިބި އަށް މެމްބަރުންނަކީ ވެސް ޖުލައި، 13 ގެ ކުރިން ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައި ތިބި މެމްބަރުން ކަމަށާއި އެހެންވެ އެ މެމްބަރުންގެ ގޮނޑިތައް ވެސް ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ނުކުތާއަކީ ރައްޔިތުންގެ މަޖިލީހުގެ މިއަދު މި މައްސަލަ ނިންމެވި ހަތަރު މެމްބަރުންގެ ގޮނޑި ވެސް 13 ޖުލައި 2017 ގެ ކުރިން އެ ބޭފުޅުން ވަނީ ޕީޕީއެމުން ވަކިވާން ހުށަހަޅާފައި ކަމަށް ވާތީ އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަން. އަޅުގަނޑުމެން އުއްމީދު ކުރަނީ ހަމަ މި ބީދައިން ދެން މައްސަލަ ހުށަހަޅާފައި ދެން ތިއްބެވި މެމްބަރުންގެ މައްސަލަތައް ވެސް މިގޮތަށް ނިމިގެންދާނެ ކަމަށް." ތިން މެމްބަރެއްގެ މައްސަލާގައި ވަކީލުންގެ ޓީމުގައި ހަރަކާތްތެރިވި ހިސާން ވިދާޅުވި އެވެ.

ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު އިދިކޮޅާ ގުޅުނު 12 މެމްބަރުންނަކީ ވެސް ހުކުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށްވިޔަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ މެމްބަރުންނަކީ ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމް އައި ފަހުން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި ފަހުން މިއަދާ ހަމައަށް ވެސް އެއިން އެއްވެސް މެމްބަރަކަށް މަޖިލީހަށް ވަނުމުގެ ފުރުސަތެއް ނުލިބެ އެވެ.

މިދިޔަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުންތައް ބާތިލްކޮށްފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުންތައް ބާތިލްކޮށްފަ އެވެ. އަދި 12 މެމްބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން އެކަނި ކަމަށް ވެސް އެ ކޯޓުގެ އަމުރުގައިވެ އެވެ.

ގޮނޑިއާ މެދު ގޮތެއް ނުނިމި ދެން ތިބި އަށް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައި އޮތަސް އެ މައްސަލަތަކުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.