ޕީޕީއެމުން ވަކިވާން ހުށަހަޅާ ވަގުތުން ފެށިގެން ވަކިވާނެ: ހުކުމް

ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އެ ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދި ޕާޓީ އަށް ހުށަހަޅާ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި އިއްޔެ ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން، ސުޕްރީމް ކޯޓު ހުކުމްކޮށްފައި ވަނީ އެ މެމްބަރުންގެ ގޮނޑި ހުސްނުވާ ކަމަށެވެ.

މަޖިލިހުގެ ހަތަރު މެމްބަރުން އިއްޔެ ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ހަތަރު މެމްބަރުން ވެސް އަމަލު ކުރީ އަސާސީ ގަވާއިދުގައި އޮންނަ ގޮތަށް ކަމަށް ހުކުމުގައިވެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 13 ވަނަ މާއްދާގައި ވަނީ ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެކަށައަޅާފައިވާ ޕާޓީގެ އަސާސީ ގަވައިދެއް އޮންނަން ވާނެ ކަމަށެވެ. އަސާސީ ގަވައިދުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި ޕާޓީގެ މެމްބަރަކަށް ވެވޭނެ ގޮތާއި މެމްބަރު ކަމުން ވަކިވެވޭނެ ގޮތާއި ވަކި ކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހަތަރު ސަބަބުގެ ތެރެއިން އެއް ސަބަބަކީ ޕާޓީގެ މެމްބަރު ކަމުން ވަކިވާން އެދުމެވެ.

ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު، ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށްފަ އެވެ.

އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، ޖުލައި 13 ގައި އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ހަތަރު މެމްބަރުން ޕާޓީން ވަކިވާން ސިޓީ ފޮނުއްވާފައި އޮތުމުން، ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ހުކުމުގައި ވަނީ ޕީޕީއެމްގެ ދަފްތަރުން މެމްބަރުން އުނިކޮށްދޭން ޖުލައި 10 2017، ގައި ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށެވެ. އަދި ދަފްތަރުން އުނިނުކުރި މައްސަލައިގައި ޖުލައި 11، 2017 ގައި މައްސަލައިގެ ފޯމް ވެސް މެމްބަރުން އިލެކްޝަނަށް ހުށަހެޅި ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ.

މެމްބަރުން ވަކިވެވަޑައިގަންނަވަން އެދި ފޮނުއްވި ސިޓީގެ ކޮޕީއެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިފައި އޮތް ކަމާ މެދު އެ ކޮމިޝަނުން އިންކާރު ކޮށްފައި ނެތްއިރު، މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ނިންމީ އެ ހުކުމުގެ ކުރިން ހިނގާފައި އޮތް ކަމަކާ ގުޅިގެން ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހަތަރު މެމްބަރުންގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް ވެސް އޮތީ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.

ޕީޕީއެމްގައި ތިބުމަށް ފަހު މިދިޔަ އަހަރު އިދިކޮޅާ ގުޅުނު 12 މެމްބަރުންނަކީ ވެސް ހުކުމުގެ ކުރިން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށްވިޔަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ މެމްބަރުންނަކީ ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމް އައި ފަހުން ޕާޓީން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި ފަހުން މިއަދާ ހަމައަށް ވެސް އެއިން އެއްވެސް މެމްބަރަކަށް މަޖިލީހަށް ވަނުމުގެ ފުރުސަތެއް ނުލިބެ އެވެ.

އެ އަށް މެމްބަރުންނަކީ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.